ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.
މި ތާރީޚީ ދަތުރުތަކާ ގުޅޭގޮތުން މޯލްޑިވިއަނުން ބުނެފައިވަނީ، އެ އެއަރލައިންގެ A330 މަރުކާގެ ބޯޓު މިހާރު ވަނީ މެލްބަންއަށް ދިއުމަށް ރާއްޖެއިން ފުރާފައި ކަމަށެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ފާހަގަކޮށްލެވޭ ފަޚުރުވެރި ކުރިއެރުމެއްގެ ގޮތުގައި އެ އެއަރލައިނުން ސިފަކުރެއެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި، "މިއީ އައު އުދަރެސްތަކަކަށް ކުރެވޭ އުންމީދީ ދަތުރެއްގެ ފެށުމެއް" ކަމަށާއި، މި ދަތުރުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. މިއަދު ފުރި ފްލައިޓް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.
މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރކްރާފްޓްގައެވެ. އަދި ކޮންމެ ހަފްތާއަކު އެއް ފްލައިޓް ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ސީދާ ދަތުރުތަކުގެ ސަބަބުން އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހިންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.