ރާއްޖެއާއި ސަޢުދި އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރާއްޖެއާއި ސަޢުދި އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެއާއި ސަޢުދި އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ސަޢުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސަޢުދުއެވެ.

ދެ ވަޒީރުންގެ މި ފޯނު ކޯލުގައި ރާއްޖެއާއި ސަޢުދީއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދެ ޤައުމުގެ ދޭދޭ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި މަޝްވަރާތަކުގައި ވަޒީރު އިރުތިޝާމް އާދަމް ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ސަޢުދީ އަރަބިއްޔާއިން ވެދެމުންދާ އެހީތެރިކަމާއި އެ ޤައުމުގެ ހިއްސާ ފާހަގަކުރައްވައި، ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ސަޢުދީން ދޭ އެއްބާރުލުން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޖެހިޖެހިގެން ދެވަނަ އަހަރު "މައްކާ ރޫޓު އިނިޝިއޭޓިވް" ގައި ރާއްޖެ ހިމަނައި، ދިވެހި ޙައްޖާޖީންނަށް ފޯރުކޮށްދެމުން އަންނަ ލުއިފަސޭހަ ޚިދުމަތްތަކަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ސަޢުދީއަށް ޒިޔާރަތްކުރާ ދިވެހި ވަފުދުތަކަށް އެ ޤައުމުން ބަހައްޓަވާ ފުރިހަމަ މެހްމާންދާރީއަށްޓަކައިވެސް ވަޒީރު އިރުތިޝާމް ޝުކުރު ފާޅުކުރެއްވިއެވެ.

ސަޢުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށްވާއިރު، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން ފުޅާކުރުމަށް ދެ ސަރުކާރުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން