ރާއްޖެއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމަށް ސަރުކާރުން ގެންގުޅުއްވާ "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން، ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރ ނުވަތަ "މޯލްޑިވްސް އޭއައި ލެބް" ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢު އިފްތިތާހުކޮށްދެއްވީ، މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ލެބަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސްގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތަކީ މައިންޑްކޯއާއި ބީއެމްއެލް ގުޅިގެން ބާއްވާ "ކޯ.ލެބް 26" އިވެންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެކެވެ. "ކޯ.ލެބް 26" އަކީ އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭނެ ގައުމީ އުސޫލުތަކާއި އިސްތިރާތީޖީތައް ކަނޑައެޅުމަށްޓަކައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ގައުމީ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ސަރުކާރުގެ އިސްވެރިންނާއި، އަމިއްލަ ވިޔަފާރިތަކާއި، ފަންނީ މާހިރުންގެ އިތުރުން ސޮފްޓްވެއަރ ޑިވެލޮޕަރުން ބައިވެރިވެއެވެ. ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާތަކަށާއި، ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ އެންމެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ.
މީގެއިތުރުން، ޑޭޓާގެ ތައްޔާރީތަކާއި، އަމަލީގޮތުން އެކަން ކުރެވިދާނެ މިންވަރާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އިސްކަންދޭނެ ކަންކަން މި ޕްރޮގްރާމުގެ ތެރެއިން ކަނޑައެޅިގެންދާނެއެވެ.
"ކޯ.ލެބް 26" ގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ "ހެކަތަން" އެކެވެ. މި ހެކަތަންގައި ދެ ތަފާތު ދާއިރާއަކުން (ޓްރެކަކުން) އޭއައިގެ އީޖާދީ ހައްލުތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ޑިޖިޓަލްކޮށް، ފަންނިއްޔާތުގެ ދާއިރާއިން ކުރިއެރުވުމަށް ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ.