ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި، އެމަނިކުފާނުގެ އަރިހުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޖަމްޝީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފޭސް 1 ގައި ހިމެނޭ ތިން ސެގްމެންޓެއްގެ މަސައްކަތެވެ. މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދެއްވައިގެން، އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ހިނގާ ސަރަޙައްދަށް ކުރެއްވި މި ޒިޔާރަތުގައި، މަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވާ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ވަނީ އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.

މާލޭގެ އުތުރު ފަރާތުގެ މަގުތައް ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ ބޮޑު މަޝްރޫޢެއްގެ ބައެކެވެ.

މިއަދު އޮންލައިން