ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީވިލާތުގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވާކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަށަވަރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން މިއަދު ހާމަކުރި ގޮތުގައި، މި މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވް ކުރަން އުޅުނު ކޭވް (ހޮހަޅަ) އެއްގެ ތެރެއިންނެވެ. މި ހަށިގަނޑުތައް ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެ އައި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގައި އެހީތެރިވުމަށް އިޓަލީ ސަރުކާރުގެ ފަރާތުން ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރަކު ވަނީ ރާއްޖެ ގެނެސްފައެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ފިންލެންޑުން އައި ޓީމަކީ މިފަދަ ނުރައްކާތެރި އަދި ގޮންޖެހުން ބޮޑު މިޝަންތަކުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ތަޖުރިބާ ލިބިފައިވާ ބައެއް ކަމަށެވެ. އަދި އެ ޑައިވަރުންނަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ މިފަދަ އޮޕަރޭޝަންތަކުގައި އަމަލީގޮތުން މަސައްކަތްކޮށްފައިވާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ، ހަށިގަނޑުތައް މިހާރު ލޮކޭޓް ކުރެވިފައިވީ ނަމަވެސް، އެ ތަކެތި ކޭވްގެ ތެރެއިން ބޭރަށް ނެރުމުގެ މަސައްކަތް ކުރިއަށް އޮތް ޑައިވްތަކުގައި ކުރިއަށް ގެންދިއުމަށް މިހާރު ރޭވިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރާއި އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރުން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ.