ޢިބްރަތްތެރި ވާހަކަ: އެންމެ ނިކަމެތި ޙާލުގަ ޖެއްސުވި އަންހެންކުއްޖަކަށް ކިޔެވި ރަނަގަޅު ފިރިއަކާ ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ޢިބްރަތްތެރި ވާހަކަ: އެންމެ ނިކަމެތި ޙާލުގަ ޖެއްސުވި އަންހެންކުއްޖަކަށް ކިޔެވި ރަނަގަޅު ފިރިއަކާ ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑުގެ ބައްޕަ ނިޔާވީ އަޅުގަނޑުގެ ޢުމުރުން 8 އަހަރުގައެވެ. މަންމަ އަޅުގަނޑު ގެންގުޅުނީ ވަރަށް ދަތިޙާލުގައެވެ. އެހެންކަމާއިއެކުވެސް އެއްވެސް މީހަކަށް އުނދަގުލެއް ނުކުރެއެވެ. ކަމަކުވެސް ނުއެދެއެވެ. އަޅުގަނޑަށް ކަންކަން ކޮށްދިނީ މަންމައަށް ލިބޭވަރަކުންނެވެ. އިތުރަށް ބޭނުންވެގެނެއްވެސް ނުއުޅެމެވެ.  

ރަށުގެ ސްކޫލުން ކިޔެވެނީ އޯލެވެލް ފެންވަރަށެވެ. އެފެންވަރަށް ކިޔެވީމެވެ. ރަށުގެ ސްކޫލުގެ ފެންވަރުން ރަނގަޅު ނަތީޖާއެއްވެސް ލިބުނެވެ. މަތީ ތަޢްލީމަށް ނުވެސް ވިސްނަމެވެ. އެއީ މާލެ އައިސް ކިޔެވޭނެ ފެންވަރު ނެތުމުންނެވެ. އެހެންވެ އިނތިޒާރުކުރަމުން ދިއައީ 18 އަހަރުފުރި ކައިވެނިކުރެވޭނެ ދުވަހަކަށެވެ.  

އެދުވސްވަރު ބޮޑުދައިތަ ރަށަށް ގޮސްފައި މަންމަ ގާތުގަ ބުނީ އަޅުގަނޑު މާލެ ގެންގޮސް ކިޔަވައިދޭން ބޭނުން ކަމަށެވެ. މަންމަ އެވާހަކަ ދެއްކުމުން ފުރަތަމަ އެކަމަށް ދެކޮޅުހެދީމެވެ. މަންމަ ދޫކޮށްލާފައި ދާންބޭނުންނޫންކަމަށް ބުނީމެވެ. ނަމަވެސް މަންމަ ބޭނުންވީ އަޅުގަނޑަށް ކިޔަވައިދީ މޮޅުކުއްޖަކަށް ހަދަންކަމަށްވުމުން އެންމެފަހުން އެކަމަށް ރުހުނީމެވެ.  

މާލެގެނައެވެ. ގޭގެ މަސައްކަތްތައް ކުރުވައެވެ. ކިޔަވައިދޭން އެއްވެސް ކަމެއް ނުކުރެއެވެ. އެހެންހުންނަތާ އަހަރުވުމުން ބޮޑުދައިތައާއި ސުވާލެއް ކުރީމެވެ. "އަޅުގަނޑަށް ކިޔަވައިދޭން ފަށާނީ ކޮންދުވަހަކުންތޯ؟އެވެ. އެސުވާލާއިއެކު ބޮޑުދައިތަ ދިއައީ ފުންމައިގެންނެވެ. މާލެއާދެވޭއިރަށް ފެންވަރު އޮޅުނީކަމަށް ބުންޏެވެ. ރަށުގައި ކާންވެސް ނުލިބިހުއްޓައި ގެނެސް ކާންދޭތީވެސް ޝުކުރުވެރިނުވިކަމަށް ބުންޏެވެ. އަޅުގަނޑު ޖަވާބެއް ނުދެމެވެ. މަޑުން ހުރީއެވެ. 18 އަހަރުފުރުމުން ރަށަށް ފޮނުވައިދޭން އެދުނީމާ ބުނީ އަމިއްލައަށް ދިއުމަށެވެ.  

އަޅުގަނޑުގެ އަތަކު އެންމެ ރުފިޔާއެއްވެސް ނެތެވެ. ކުރާނެ ކަމެއް ނުއެނގި ހުއްޓައި ގެއަށް އައިސް އުޅޭ އަންހެންކުއްޖެގާތުގައި އޭނާގެ ފޯނުން މަންމައަށް ގުޅައިލަދިނުމަށް އެދުނީމެވެ. ގުޅައިދިނީމާ ހުރިހާ ވާހަކަތަކެއް ކިޔައިދީފައި ރަށަށް ގެންގޮސްދިނުމަށް އެދުނީމެވެ.  

އެކުއްޖާވީ ވަރަށް ރަނގަޅު ކުއްޖަކަށެވެ. އަޅުގަނޑުގެ ވާހަކަތައް އަޑުއިވުމުން ވަރަށް ދެރަވެފައި ބުނީ ރަށަށްދާން ކަމަށްހަދާފައި ގެއިން ނުކުމެގެން އޭނާގެ ގެއަށް ދިއުމަށެވެ. އޭނާގެ މަންމައާއި ބައްޕައަކީ ވަރަށް ރަނގަޅު ބައެއް ކަމަށާއި އަޅުގަނޑަށް އެހީތެރިވެދޭނެ ކަމަށެވެ. ކިޔަވައިދީ ރަނގަޅު ވަޒީފާއެއްވެސް ހޯދައިދޭނެ ކަމަށެވެ. އެހެން ބުނެފައި 100 ރުފިޔާދިނެވެ. ބުނީ ޓެކްސީއަކަށް އަރައިގެން އެގެއަށް ދިއުމަށެވެ.   

އޭނާއަށް އިތުބާރުކޮށް އެގޮތަށް ކަންތައްކުރީމެވެ. އެގެއަށް ދިއައިރު އެކުވެރިޔާ އޮތީ އޭނާގެ މަންމަމެންނާއި ވާހަކަ ދައްކައިފައެވެ. ގޭގެ ށާވަންޓް ރޫމް އަޅުގަނޑަށް ދިނެވެ. އަޅުގަނޑަށް ފޯނެއްވެސް ދިނެވެ. ބުނީ މަންމައާއި އަމިއްލައަށް ގުޅައިގެން ވާހަކަދެއްކުމަށެވެ. އަދި ކޮންމެ މަހަކުވެސް މަންމައަށް ކޮންމެވެސް ވަރަކަށް ރުފިޔާވެސް ފޮނުވައިދިނެވެ.

އެކަމަކު ގެންގުޅުނީ ނޯކަރެއްގެ ގޮތަކު ނޫނެވެ. އެހެންކަމާއިއެކުވެސް ގޭގެ ކަންކަން ކުރަމެވެ. ކިޔަވައިދޭން ފެށުމުން ކިޔެވީމެވެ. ދެއަހަރު ގެއްލުމުން ހެދީ ފައުންޑޭޝަން ކޯހެކެވެ. ކިޔެވީ ބިޒްނަސްއެވެ. ވަޒީފާދިނީ އެކުވެރިޔާގެ ބައްޕައެވެ. އޭނާގެ ކުންފުނިންނެވެ.

އަޅުގަނޑު އެމްބީއޭ ނިންމުމުން ގޭގެ އެންމެން އަޅުގަނޑު ގޮވައިގެން ރަށަށް ދިއައެވެ. ރަށުގައި ދެތިންދުވަސްވީތަނުން އެކުވެރިޔާގެ ބޭބެ އެދުނީ އަޅުގަނޑުގެ ކައިވެންޏަށެވެ. އޭނާގެ ކިބައިން އެނގުނީ ރަށަސް ދިއައީވެސް ޢާއިލާގެތެރޭގައި ވާހަކަދައްކައި އަޅުގަނޑުގެ މަންމައާއި ބައްދަލުކޮށް ކައިވެނިކުރަން ކަމެވެ.  

ކުރިން ވިސްނިފައިވެސް ނެތްކަމެއް ކުއްލިއަކަށް ކުރިމަތިވުމުން ވަރަށް ޖެހިލުންވިއެވެ. ހަމަޖެހިލެވުމުން ގޮތްނިންމީމެވެ. އެއީ ހިނގުމުގައި ނުކުޅެދުންތެރިކަމެއް ހުރި ޒުވާނެކެވެ. އެކަމަކަށް ނުވިސްނަމެވެ. ވިސްނީ ޢާއިލާއިން އަޅުގަނޑަށް ކޮށްދިން ހެޔޮ ކަންތަކަށެވެ.  

އެކުވެރިޔާ ބޮޑުދައިތައަށް ގުޅައި ކައިވެންޏަށް ރަށަށް އައުމަށް ދަޢުވަތުދިނެވެ. ޓިކެޓް ފޮނުވައިދޭނެ ކަމަށްވެސް ބުންޏެވެ. އެކަމަކު ބޮޑުދައިތަ ބުނީ އޭނާގެ ދަރިފުޅު "މަޖާކުރާ ޕާޓީއަކުން" ބަންދުކޮށްގެން އެކަމުގެ ތެރޭގައި އުޅޭތީ ނައުދެވޭނެ ކަމަށެވެ. އެއީ ބޮޑުދައިތަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދަރިފުޅަކީ އަޅުގަނޑާ އެއްޢުމުރުގެ އަންހެންކުއްޖެކެވެ. އެވަރުގެ ހިތާމައެއް ބޮޑުދައިތައަށް ލިބުނީތީ ވަރަށް ދެރަވެސްވިއެވެ.  

ކޮންމެއަކަސް އަޅުގަނޑުމެންގެ ކައިވެންޏަށް 10 އަހަރުވީއެވެ. އުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. މަންމަވެސް ގެނެސް ހުޅުމާލޭގައި އެންމެން އެކުގައެވެ.  

އަޅުގަނޑުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ އެންމެ ބޭނުމަކުއެވެ. ބޮޑުދައިތަ އަޅުގަނޑާއިމެދު ކަންކަންކުރި ގޮތަށް ކަންކަން ނުކުރަން ބުނުމަށެވެ. އެހީތެރިވެދޭނެ ކަމަށްބުނެ ނިކަމެތިންނަށް އަނިޔާވެރިނުވުމަށް ބުނުމަށެވެ. އަނިޔާވެރިވާ އެއްވެސް މީހަކަށް އެކަމަށް ހިތާމަކުރަންނުޖެހި ނުދާނެކަން ބޮޑުދައިތައަށްވެސް އެވަނީ ތަޖުރިބާކުރަން ޖެހިފައެވެ. ހުރި އެންމެ ދަރިފުޅަކީ އަގެއް ނެތް ކުއްޖަކަށްވުރެ ބޮޑު ހިތްދަތިކަމަކީ ކޮބައިތޯއެވެ؟

 

- ޝަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން