ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހެއްގެ އަންތބަކަށް ވެވި ހުރިހާ ބޭނުންތަކެއް ފުދި އިތުރަށް ލިބޭއިރުވެސް ހިތްނުފުރުނު އަންތބަކަށް ލިބުނު ބޮޑު ނިކަމެތިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 15ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހެއްގެ އަންތބަކަށް ވެވި ހުރިހާ ބޭނުންތަކެއް ފުދި އިތުރަށް ލިބޭއިރުވެސް ހިތްނުފުރުނު އަންތބަކަށް ލިބުނު ބޮޑު ނިކަމެތިކަމުގެ ވާހަކަ-

ﷲ ތަޢާލާ ނިޢުމަތްތައް މިންވަރުކުރެއްވެވުމުން ބަލައިނުގަނެވޭނަމަ އެމީހަކަށް މެދުވެރިވާނީ ހިތްދަތި ގޮތްކަކެވެ. ތިރީގައި އެވަނީ ލޯތްބާއި ފައިސާ ލިބުމުންވެސް ހިތް ނުފުރުނު އަންތބެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އޭނާއަކީ ތަނަވަސް މީހެކެވެ. އަނބިމީހާ ގެންގުޅެނީ ވަރަށް ލޯބިންނެވެ. އަނބިމީހާއަށް ބޭނުންވާނެ ހުރިހާ ކަންކަން ކޮށްދެއެވެ. އެހެންކަމާއިއެކުވެސް އަނބިމީހާ އޭނާއަށް ބޭވަފާތެރިވާކަމަށް ޝައްކުކުރެވެން ފެށިއެވެ. އަދި އެކަމުގެ ޙަޤީޤަތް ހޯދޭނެ ގޮތަކާއިމެދު ވިސްނަން ފެށިއެވެ.  

ދުވަސްކޮޅެއްފަހުން މަޑުމަޑުން ލޯއަނދިރިވަމުން ގޮސް ލޯއަނދިރިވީއެވެ. ގޭގައި އުޅެންޖެހެނީވެސް ދަނޑިގަނޑު ޖައްސައިގެންނެވެ. އެއްތަނުން އަނެއްތަނަށް ދެވެނީވެސް އެހެން މީހެއްގެ އެހީތެރިކަމާއިއެކުގައެވެ. އެފަދަ ޙާލެއްގައި އުޅޭތާ 2، 3 މަސްވީތަނާ ޙަޤީޤަތް ތިލަވެ ފެނުން މައްޗަށް ހިއްލާލައިފިއެވެ. އަނބިމީހާގެ ލޯބިވެރިޔާ ގެއަށް ގެނެސްގެން ގެންގުޅެން ފަށައިފިއެވެ.  

ދުވަސްކޮޅެއްފަހުން އަނބިމީހާ ބުނީ އޭނާގެ ގެއަޅަން ލޯނެއް ނަގަން ބޭނުންވާ ކަމަށާއި ލޯނަށް ގަރަންޓިއެއްގައި ސޮއިކޮށްދިނުމަށެވެ. ގެއެޅުމުން ގެއިން ލިބޭފައިސާއިން ލޯނުދައްކާނެ ކަމަށެވެ. "ތިއައީ އެއްވެސް ކަމެއް ނޫން" ކަމަށް ބުނެ ލިޔުމުގައި ވަގުތުން ސޮއިކޮށްދިނެވެ.

އެއިގެ ދުވަސްކޮޅެއް ފަހުން އަނބިމީހާ ބުނީ ލޯފަންމީހަކާއިއެކުގައި އުމުރު ހޭދަކުރަން ވަރަށް އުނދަގޫކަމަށެވެ. އެހެންކަމުން ލޯފަން މީހަކާއިއެކުގައި ލޯބިން ދިރިއުޅޭނެ ވަރަށް ރީތި އަންހެންކުއްޖަކު ގެއަށް ގެނެސްފައިވާ ކަމަށާއި އޭނާ އާއިއެކުގައި ދިރިއުޅުން ރަނގަޅުވާނެ ކަމަށެވެ. އަދި ފިރިމީހާ ބޭނުންނަމަ ދެވަނަ އަންތބެއްގެ ގޮތުގައި އޭނާ އެގޭގައި އިނދެދާނެ ކަމަށެވެ. ފިރިމީހާ އެކަމަށްވެސް ރުހުނެވެ.  

ގެއަށް މިގެނައި އަންހެން މީހާ ގެނައީ ސިއްރުރޭވުންތަކެއް ރާވައިގެން ނަމަވެސް އެއަންހެންމިހާއަށް އެކަންކަން ކުރާކަށް ނުކެރުނެވެ. ކައިވެނިކުރުމަށްފަހު އޭނާވީ ޙަޤީޤަތުގައިވެސް ފިރިމީހާދެކެ ލޯބިވާ އަންހެނަކަށެވެ. ފިރިމީހާއަށް އަޅާލައި، ލޯބިދީ އެހީތެރިވާ އަންތބަކަށެވެ. އެހެންވެ ދެއަންހެނުންގެ މެދުގައި މައްސަލަތައްވެސް ޖެހުނެވެ.  

އެއްދުވަހެއްގެ ހެނދުނެވެ. ހެނދުނުގެ ސަޔަށްފަހު ހަގު އަނބިމީހާ އާއި ދެމީހުން ސިޓިންގރޫމްގައި ތިއްބާ ދޮށީ އަނބިމީހާ އައިސް ބުނީ ބޭންކުން ލިޔުންތައް ބަލައިނުގަތް ކަމަށެވެ. ސޮއި ދިމާނުވާކަމަށް ބުނި ކަމަށެވެ. އެއިރު އޭނާގެ ގާތުގައި އޭނާގެ ލޯބިވެރިޔާވެސް ހުއްޓެވެ.  

"އާނ! ސޮއި ދިމައެއް ނުވާނެނު! އެއީ އަހަރެންގެ ގާތުގައި ދެއްކިވާހަކައާ ލިޔެފައި އޮތް އެއްޗަކާ ދިމާނުވީމާ ވީގޮތް! އަހަރެންގެ ގާތުގަ ބުނީ ގެއަޅަން ލޯނެއް ނަގަން ގަރަންޓީއެއްދޭ ވާހަކަނު؟ ލިޔުމުގަ އޮތީ 10 މިލިއަން ޑޮލަރު ޓްރާންސްފަރކުރާވާހަކަނު؟ ދެން ކިހިނެއްތަ ސޮއިދިމާވާނީ؟"  

އަނބިމީހާ ދިއައީ ސިއްސައިގެންނެވެ. "އެހެންވީއިރު ކަލެއަކީ ލޯފަން މީހެއް ނޫން! ތިއުޅެނީ މަކަރުހަދައިގެން އަދިވެސް! ކަލޭތީ ހާދަ ބޮޑު މަކަރުވެރިއެކޭ!"

"އަދިވެސް މަކަރުވެރިއަކަށް މިވީ އަހަރެން! ބަލަ ކަލޭގާތުގައި ތިއަހުރި މީހާ މިގެއަށް ގެނެސް އަހަރެންކުރިމަތީގަ ކަންކަންކުރީ ކަލޭގެހުރި ތެދުވެރިކަންބޮޑުކަމުންތަ؟ ރޭވެސް ދެމީހުން ނިދީ އެކީގައެއް ނޫންތަ؟ ސައިބޮއިގެން ނުކުމެގެންދިއައީވެސް އެކީގައެއް ނޫންތަ؟ އަހަރެންގެ ލޮލަށް ނުފެންނާނެތީ ދެމީހުން އޮޅުލައި ދޮންނަމުން ނޫންތަ ނުކުމެގެންދިއައީ؟"  

"އާނ! މަށަކީ މަކަރުވެރިއެއް! ކަލޭ ކަހަލަ ބޮޑެތި މަކަރުވެރިން އަތުލައިގަންނަން ދަންނަ މާހުޝިޔާރު މަކަރުވެރިއެއް! ތިހުރީ ވަރިކޮށްފަ! ދެލޯބިވެރިން އުފަލުގަ ދިރިއުޅެން އަވަހަށް ނުކުމެގެންދޭ! ސެކިޔުރިޓީ! ނަމަނަމަ މިއަންހެން މީހާ މީގެފަހުން މިގެއަށް ވަނަނުދޭތި! މިގޭ ކާރެއްގަވެސް ދިއަ ނުދޭތި! ކާރުގެ ތަޅުދަނޑިވެސް އަތލާ! ގޭ ދޮރުތަކުގެ ތަޅުތަކުގެ ކޯޑްތައް އަވަހަށް ބަދަލުކުރޭ! މިއަންހެނާއަށް މިގެއާ ވައިވެސް ނޭޅެވޭނެގޮތް ހަދާ! އޭނާގެ އެއްޗެތި ބަލާ މައްޗަށްދާއިރުވެސް ސެކިޔުރިޓީއަކު ދާންވާނެ! ފޮށްޓަށް އަޅާ އެއްޗެތި ރަނގަޅަށް ޗެކްކުރާތި! މީހަކަށް ދުވަހަކުވެސް އަނިޔާއެއް ކުރާނެނަމަ މިއަންހެނާ އެރުވީހީ ޞަލީބަށް!"

ދެއަންހެނުންގެ ބަސްހުއްޓުނެވެ. ދޫ ހަލުވައިވެސް ނުލެވުނެވެ. ދޮށީ އަނބިމީހާގެ އަނގަބަންދުވީ ފިރިމީހާގެ ލޯ އަނދިރިވީކަމަށް ހީކޮށް އޭނާގެ ކުރިމަތީގައި ކުރަމުން އައި ހުރިހާ ކަންކަން ފިރިމީހާގެ ލޮލަށް ފެނުނުކަން އެނގުމުންނެވެ. ހަގުއަނބިމީހާގެ ދޫބަންދުވީ ލޯފަން ނަމަވެސް އެކުގައި އުޅެން ނިންމައި ލޯބިން ޚިދުމަތްކުރަމުންދިއަ ފިރިމީހާގެ ލޯ އަނދިރި ނޫންކަން އެނގުމުންނެވެ.   

އެހައިހެޔޮ ފިރިމީހާ "ޙާލުގަ ޖެހުނު ދުވަހު" އެހީތެރިވެލަންވެސް ބުރަވެގެން، ގާތުގައި ނިދާލަންވެސް ބުރަވެގެން މަކަރުވެރިރޭވުންތަކާއިއެކު ގެއަށް ގެނުވި އަންހެންމީހާ  އިޚްލާޞްތެރިވުމުން މިލިއަނަރުގެ އަނބިމީހާގެ މަޤާމް ލިބިގެންއެދިއައީ އޭނާއަށެވެ. ފިރިމީހާގެ ކުރިމަތީގައި ފިރިމީހާއަށް ބޭވަފާތެރިވަމުން އެވަރުން ނުފުދިގެން މަކަރުން ފައިސާ ހޯދަން މަސައްކަތްކުރި އަންހެންމިހާއަށް އެޖެހުނީ ހުސްއަތާ ނުކުމެގެންދާށެވެ!

މިވާހަކައަކީ މެލޭސިޔާގައި ހުރި އެކުވެރިއަކު އަޅުގަނޑަށް ފޮނުވި ވާހަކައެކެވެ. މިވާހަކަ ކިޔާލާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ހަމަ ބޭނުންވީއެވެ. އެއީ މިވާހަކައާއި އަޅުގަނޑުގެ ޢާއިލާއި ވަރަށް ބޮޑަށް ގުޅުން ހުރުމުންނެވެ.  

އަޅުގަނޑުމެންގެ ބޮޑުބޭބެއަކީ ރަށުގެ ފެންވަރުގައި ތަނަވަސް މީހެކެވެ. ބޮޑުބޭބެގެ ދެލޯ އަނދިރިވުމުން އަނބިމީހާ ކަންތައްކުރީ ހަމަ މިގޮތަށެވެ. ލޯބިވެރިޔާ އާއި ދެމީހުން ގުޅުން ހިންގާއަޑު ބޮޑުބޭބެއަށް އިއްވާފައި އެބަހުއްޓެވެ. ބޮޑުބޭބެ ނިމިދިއައީ އެކަމުގެ ހިތާމައިގައެވެ. 

އަނިޔާވެރިވެވިދާނެއެވެ! ކޮންމެ މީހަކަށްވެސް އެކަން ކުރެވިދާނެއެވެ. ނަމަވެސް ވިސްނަންވީ ކޮންމެވެސް ދުވަހަކުން އެކަން އައިސް ތިމައާއި އަރައިހަމަކުރާނެ ކަމެވެ. މިދުނިޔޭގައި ކުޑަދުވަސްކޮޅަކަށް އުފަލުގައި ދިރިއުޅެވުނު ނަމަވެސް ޤިޔާމަތް ދުވަހު ސަލާމަތް ނުވެވޭނެ ކަމެވެ.

 

- މީނާޒް / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

މިއަދު އޮންލައިން