ފިރިމީހާ ދެކެވާލޯބި ބޮޑުކަމުން ކައްވަޅުގަ ހިނގާ ކަންކަން އޮޅުންފިލުވަން މަސައްކަތްކުރި އަންހެނަކަށް ކުރިމަތިވި ބިރުވެރިކަންތަކުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ފިރިމީހާ ދެކެވާލޯބި ބޮޑުކަމުން ކައްވަޅުގަ ހިނގާ ކަންކަން އޮޅުންފިލުވަން މަސައްކަތްކުރި އަންހެނަކަށް ކުރިމަތިވި ބިރުވެރިކަންތަކުގެ ވާހަކަ-

މަރުވެ ވަޅުލުމަށްފަހު ކަންކަން ހިނގާގޮތް އޮޅުންފިލާނެ އެއްވެސް ގޮތެއް އޮންނާނެތޯ؟ ފަދަ ސުވާލުތައް ބައެއް ކިޔުންތެރިން ކުރައްވައެވެ.  

ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ މީސްތަކުންނަށް ޢިބްރަތަކަށްޓަކައި ބައެއް ކަންކަން މީސްތަކުންގެ ލޮލަށް ދައްކަވާފައިވާކަން ބައެއް ޢިލްމުވެރިންގެ ވާހަކަފުޅުތަކުން އެނގެއެވެ. ނަމަވެސް އެއްވެސް މީހަކު އެކަންކަން އޮޅުންފިލުވަން ބޭނުންވެގެން ކުރި އެއްވެސް ކަމަކުން އެއްވެސް ކަމެއް އޮޅުންފިލިކަމުގެ ވާހަކަ އަޑުއިވިފައެއް ނެތެވެ. އަދި އޮޅުންފިލުވޭނެ ކަމަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ.  

ސަބަބަކީ މަރުވެ ވަޅުލެވުމުން އޭނާ އެވަނީ ބަރުޒަޚުގެ ޢާލަމުގައެވެ. ބަރުޒަޚުގެ ޢާލަމްވަނީ ދުނިޔޭގެ ޢާލަމާއި ފަރުދާ ކުރެވިގެންނެވެ. ބަރުޒަޚުގެ މާނައަށް ބަލައިފިނަމަ އެއީ ދެމެދުގައި ލެވޭ ހުރަހެކެވެ. ފަރުދާއެކެވެ. ވީމާ ހިނގާ ކަންކަން އެނގޭނީ ﷲ ތަޢާލާ އަންގަވައި ދެއްވެވި މީހަކަށް، ﷲ ތަޢާލާ އަންގަވައިދެއްވެވި މިންވަރަކަށެވެ.

އިތުރަށް ބުނެލަން ބޭނުންވަނީ ބައިވެރިޔާ ކަމުގައިވީނަމަވެސް މަރުވެ ވަޅުލެވުމުން ދެން ކަންކަން މެދުވެރިވާގޮތާއިމެދު ކަންބޮޑުވުމަށްވުރެ މުހިންމީ ދުނިޔޭގައި ތިބޭއިއރު ދެމަފިރިން ލޯބިން އުފަލުގައި ދިރިއުޅުން ކަމަށެވެ. ސަބަބަކީ މަރުވުމުން ދެން އެމީހަކަށް ކުރިމަތިލާންޖެހޭ އެއްވެސް ކަމަކަށް އެއްވެސް މީހަކަށް އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުފޯރުވޭނެތީއެވެ. ދުނިޔޭގައި އުޅޭއިރު ލޯތްބާއި ވަފާތެރިކަމުގައި ދުނިޔޭގައި އުޅުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ އެންމެންނަށްވެސް ދެއްވަވައިފައެވެ. މަސައްކަތްކުރަންވީ އެފުރުޞަތުގެ ބޭނުން ހިފުމަށެވެ.

މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

ތިރީގައިވާ ލިޔުމަކީވެސް ޢިބްރަތްތެރި ފިލާވަޅެކެވެ. 

އަހަރެމެން ދެމީހުންނަކީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމީހުންނެވެ. ޚިޔާލުތަފާތުވާ ކަންކަމުގައި މަޗްވަރާކޮށް ޙައްލު ހޯދައިގެން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ދުވަހަކުވެސް ޒުވާބުކުރުން ފަދަ ކަމެއް ނުކުރަމެވެ.  

ކައިވެންޏަށް 42 އަހަރުވީތަނާ ކުއްލިއަކަށް ފިރިމީހާ ނިޔާވި ދުވަހަކީ އަހަރެންނަށް ގޮތްހުސްވިދުވަހެކެވެ. އެހައި ދުވަސްވަންދެން އެހައިލޯބިން އެކުގައި އުޅެފައި ފިރިމީހާ ކުއްލިއަކަށް ވަކިވެދިއުންވީ ވަރަށް ހިތި އަސަރުތަކެއް ކުރަންޖެހުނު ކަމަށެވެ.   

ހަޤީޤަތުގައި އަހަރެންގެ ސިކުނޑި އެދުވަހު މަސައްކަތެއް ނުކުރެއެވެ. ތެޅިފޮޅެވުނީއެވެ. އެހެންވެ ކުރަންވިސްނުނު އެއްކަމަކީ ފިރިމީހާގެ ސަންދޯކުގެ ތެރެއަށް އޭނާގެ ފޯނުލުމެވެ. ވިސްނުމުގައި ހުރީ ޖަނާޒާގެ ކަންކަން ނިމުމުން ފޯނަށް ގުޅައިލުމަށެވެ. އެންމެ ފަހަރަކުވެސް އިތުރަށް ފިރިމީހާގެ އަޑެއް އިވިދާނެތޯ ބަލައިލުމަށެވެ. އެހެންވެ ފޯނު ރަނގަޅަށް ޗާޖްކޮށްފައި ޖަމާއަތްތެރިންގެ މީހަކަށް ފައިސާދީގެން އޭނާލައްވާ ވަރަށް ސިއްރުން އެކަންކުރުވީމެވެ.  

ޖަނާޒާގެ ކަންތައް ނިމިގެން ގެއަށް އައިސް ހަމަޖެހިލުމަށްފަހު ކޮޓަރިއަށްވަދެ ފޯނަށް ގުޅައިލީމެވެ. ކުއްލިއަކަށް ދިއައީ އަތްތުރުތުރުއަޅައިގެންނެވެ. އަތުގައި އޮތް ފޯނު ކުދިކުދިވެއްޖެއެވެ. ފޯނުގައި ހިފަހައްޓައިގެންހުރި އަތް (އަތްތިލަ) ދިއައީ ކަޅުވެގެންނެވެ.  

ތަފާތު އެތައްބައިވަރު ޑޮކްޓަރުންނަށް އަތްތިލަ ދެއްކިއްޖެއެވެ. އެހެން އެކަންވާންވީ އެއްވެސް ސަބަބެއް ނުހޯދުނެވެ. އަދި އެކަން އެހެންވީ ސަބަބެއްވެސް ނުހޯދުނެވެ. ބައެއް ޑޮކްޓަރުން ބުނީ ފޯނުގެ ސޯތެއް ހިނގުން ފަދަ ކަމެއް މެދުވެރިވީ ކަމަށްވެދާނެ ކަމަށެވެ. އަޅުގަނޑުގެ ސުވާލަކީ އެތައް މިލިއަން މީހުން ފޯނު ގެންގުޅޭއިރު ސޯތުވާންވީ އަޅުގަނޑުގެ އަތަށް އެކަނި ހެއްޔެވެ؟

މިވާހަކަ ނޫހަކާއި ޙިއްޞާމިކުރީ ކޮންމެ ނިޔަތެއްގައި ނަމަވެސް މީހަކަށް މިފަދަ ކަމެއް ކުރެވިދާނެތީއެވެ. މިފަދަ އަނިޔާއެއް ލިބިދާނެތީއެވެ.

އަހަރެންނަށް އެކަންކުރެވުނު ސަބަބު މިބުނީއެވެ. އެންމެފަހަރަކުނަމަވެސް ފިރިމީހާގެ އަޑުއަހައިލުމަށް ބޭނުންވިވަރު ބޮޑުކަމުންނެވެ. އެހެން އެއްވެސް ބޭނުމެއްގައެއް ނޫނެވެ. އަދި އެކަން ކުރެވުނީ ހަމަބުއްދީގައިހުރެ ކަމަށް ބުނާކަށްވެސް ނެތީމެވެ. ކޮންމެއަކަސް މިއީ އެކަން ހިނގައިދިއަ ގޮތެވެ.

- ރަހްމަތު / ކަރާޗީ ، ޕާކިސްތާން  

- ޢިބްރަތްތެރި ވާހަކަ

 

މިއަދު އޮންލައިން