ކ. ހުރާ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ އެއްގަމު ތޮށީގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މިއީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީން ވިދާޅުވީ، މުޅި މަޝްރޫޢުގެ ޖުމްލަ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ ތެރެއިން ބަނދަރުގެ ދުވާރު ހެދުމުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާއިރު، ކޮންކްރީޓް ޖެޓީ ހެދުމުގެ 30 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.
ހުރާ ބަނދަރުގެ މަސައްކަތުގެ އިތުރުން، އެމްޓީސީސީން ދަނީ އެ ރަށުގެ އުމްރާނީ ތަރައްޤީއާ ގުޅުންހުރި އިތުރު ތިން މަޝްރޫޢެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.
މި މަޝްރޫޢު އެއްކޮށް ނިންމާލުމަށް ކޮންޓްރެކްޓުގައި ކަނޑައަޅާފައިވާ ތާރީޚަކީ 2027 ވަނަ އަހަރުގެ އޭޕްރީލް މަސް ކަމަށް ވީނަމަވެސް، މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު މިއަށްވުރެ އަވަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. އެގޮތުން ކުރިއަށް އޮތް 11 މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.