ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ނެއިބަރހުޑް 1 ގައި ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކު ހުޅުވުމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަން ރަސްމީކޮށް ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.
ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަރައްގީކުރި މި ސްޕޯޓްސް ޕާކުގައި ކުޅިވަރުގެ ތަފާތު ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން މި ޕާކުގައި ފުޓްސެލް ދަނޑެއްގެ އިތުރުން ވޮލީ ކޯޓަކާއި ބާސްކެޓްބޯލް ހާފް ކޯޓެއް ހިމެނެއެވެ. ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރޭ ވަނީ މި ތިން ދަނޑުގައިވެސް މެޗުތަކެއް ކުޅެފައެވެ.
މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިން، ނެއިބަރހުޑް 1 ގެ ރައްޔިތުން ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތެއް ނެތްކަމުގެ ޝަކުވާ ހުށަހެޅުމުން އެކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.
ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެއިބަރހުޑް 1 ގެ ކޮމިއުނިޓީ ރިޕްރެޒެންޓޭޓިވް ނައީމް ވަނީ، ރައްޔިތުންގެ އެދުމާ އެއްގޮތަށް މިފަދަ ވަސީލަތެއް ގާއިމުކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. މި ޕާކާއެކު އެ ސަރަހައްދުގެ ރައްޔިތުންނަށް ކުޅިވަރު ކުޅުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.