ސުމޫދު ފްލޮޓީލާ ހަރަކާތަށް ޔަހޫދީ ދައުލަތުން ހުރަސް އެޅުމާ ގުޅިގެން ރާއްޖެ ހިމެނޭހެން 10 ޤައުމަކުން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ސުމޫދު ފްލޮޓީލާ ހަރަކާތަށް ޔަހޫދީ ދައުލަތުން ހުރަސް އެޅުމާ ގުޅިގެން ރާއްޖެ ހިމެނޭހެން 10 ޤައުމަކުން ކުށްވެރިކޮށްފި

ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ސުމޫދު ފްލޮޓީލާ ހަރަކާތަށް ޔަހޫދީ ދައުލަތުން ހުރަސް އެޅުމާ ގުޅިގެން، ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ 10 ޤައުމަކުން އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ހައްދުފަހަނައެޅި ޔަހޫދީން ވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން މި ފްލޮޓީލާގެ ބައެއް އުޅަނދުތައް ހުއްޓުވައި، އޭގައި ތިބި ބައިވެރިން ވަގަށް ނަގާފައެވެ.

މި މައްސަލާގައި ދިވެހިރާއްޖެއާއި، ބްރަޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، ބަންގްލަދޭޝް، ކޮލަމްބިއާ، އިންޑޮނޭޝިއާ، ތުރުކީވިލާތް އަދި ލީބިޔާގެ ޚާރިޖީ ވަޒީރުން ގުޅިގެން ބަޔާނެއް ނެރުއްވާފައިވެއެވެ. އެ ބަޔާނުގައި ވިދާޅުވީ، ޔަހޫދީ އިސްރާއީލުން ގްލޯބަލް ސުމޫދު ފްލޮޓީލާއަށް ހުރަސްއަޅައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރާ ކަމަށާއި، މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ސަމާލުކަން ހޯދުމަށް ހިންގާ އަމާން ސުލްޙަވެރި ހަރަކާތެއް ކަމަށެވެ.

ޚާރިޖީ ވަޒީރުންގެ ބަޔާނުގައި، އިސްރާއީލުން މީގެ ކުރިންވެސް ފްލޮޓީލާ ހަރަކާތްތަކަށް ހުރަސްއަޅައި ހިންގާފައިވާ ލާއިންސާނީ އަމަލުތައް ފާހަގަކުރައްވާފައިވެއެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ހައްޔަރުކުރުމާއި އާންމުންގެ އުޅަނދުތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެއް ކަމަށް ވަޒީރުން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހަރަކާތުގައި ބައިވެރިވާ އާންމު ރައްޔިތުންގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މިހާރު ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުން ވަގުތުން ދޫކޮށްލުމަށް ވަނީ ގޮވާލައްވާފައެވެ. އަދި އެ ފަރާތްތަކުގެ ކަރާމަތާއި ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

10 ޤައުމުގެ ވަޒީރުން އިތުރަށް ވިދާޅުވީ، އިންސާނީ އެހީގެ ހަރަކާތްތައް ހުއްޓުވަން އިސްރާއީލުން ތަކުރާރުކޮށް ކުރާ މަސައްކަތަކީ ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށެވެ. އެހެންކަމުން، މިފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އާންމުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މި ބަޔާނުގައި ވަނީ ބާރުއަޅުއްވާފައެވެ.

މިއަދު އޮންލައިން