ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 3،058 ބައިވެރިން ނަން ހުށަހަޅާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 12:00 އަށެވެ.
މިފަހަރުގެ މުބާރާތުގެ އުސޫލަށް ގެނައި ބަދަލާއެކު، 26 އަހަރު ނުފުރޭ ޝަރުތު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މުބާރާތަށް މި ބަދަލު ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ. އަދި މީގެ ބޭނުމަކީ މުބާރާތުގެ ވާދަވެރިކަން އިތުރުކޮށް، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުން ކަމަށްވެސް އެ މަރުކަޒުން ފާހަގަކުރެއްވިއެވެ.
މިއަހަރުން ފެށިގެން ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އޮޑިޝަން ބުރަކާއި، ސެމީ ފައިނަލް އަދި ފައިނަލް ބުރެއް ކުރިއަށް ގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.