ސަރުކާރުން ކުރިއަށްގެންދާ "ހަށިހެޔޮރާއްޖެ" ޕްރޮގްރާމްގެ ދެވަނަ ރީޖަންގެ ހަރަކާތްތައް ބ. އޭދަފުށީގައި ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މިނިސްޓަރު ޢަބްދުﷲ ރާފިއުއެވެ.
އޭދަފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސް ބޭފުޅުންނާއި އޭދަފުށީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރީޖަންގެ ހަރަކާތްތަކުގައި ބ. އަތޮޅުގެ އިތުރުން ރ. އަތޮޅާއި ނ. އަތޮޅު ހިމެނޭހެން ޖުމްލަ 60 ފަރާތަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި 17 ކުޅިވަރު ކައުންސިލަރުން ހިމެނެއެވެ.
މި ޕްރޮގްރާމްގެ ހަރަކާތްތައް ފެށިގެން ދިޔައީ އޭދަފުށީގެ އަތިރިމަތީގައި ކުރިއަށްދިޔަ މޫދު ކަސްރަތު ސެޝަނަކުންނެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ތެރެއިން ފަންޑަމެންޓަލް އޮފް ފިޒިކަލް ޓްރޭނިންގ ސެޝަނަކާއި، ނިއުޓްރިޝަން ސެޝަނެއްގެ އިތުރުން ޒުމްބާ ސެޝަނެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޤައުމީ ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ "ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓް" ގެ ބެލުމުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގުމަށް އަމާޒުކޮށްފައިވާ މުހިންމު ހަރަކާތެކެވެ.