ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ފަތުރުވެރިކަމާއި ވިޔަފާރިއަށް ލިބުނު ބޮޑު ކުރިއެރުމެއް: ވަޒީރު އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ފަތުރުވެރިކަމާއި ވިޔަފާރިއަށް ލިބުނު ބޮޑު ކުރިއެރުމެއް: ވަޒީރު އަމީން

ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ، ރާއްޖޭގެ ފަތުރުވެރިކަމާއި އަދި ވިޔަފާރީގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު މި ފެށި ދަތުރުތަކަކީ ތާރީޚުގައި ފުރަތަމަ ފަހަރަށް މި ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުނު ފަހަރެވެ. ވަޒީރު އަމީން ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އަދި އޭވިއޭޝަން ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ އިތުރުން ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވާ ދަނޑިވަޅެއްގައި، އޮސްޓްރޭލިއާއިން މި ފެށި ސީދާ ދަތުރުތަކުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މިހާރުވެސް އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ދުވަސްވަރަކީ، ރާއްޖޭގެ ޓުއަރިސްޓް މާކެޓުގައި އޮސްޓްރޭލިއާ އެންމެ ޓޮޕް މާކެޓުތަކުގެ ތެރޭގައި ހިމެނޭ ވަގުތައް ވެފައި މިފަދަ ޑައިރެކްޓް ރޫޓެއް ފެށިގެން ދިޔައީމަ އޮސްޓްރޭލިއާގެ މާކެޓު ރާއްޖެއަށް އިތުރުވެގެންދާނެ. މިއީ، ހަމަ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އޮސްޓްރޭލިއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް އޮޕަރޭޓް ކުރުމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން، ރާއްޖޭގެ ކުދި ވިޔަފާރިތަކަށާއި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.

މިއަދު އޮންލައިން