ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ އޮޕަރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ އޮޕަރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ފަށައިފި

ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ ބައެއް އޮޕަރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި އިއްޔެ ވަނީ ރަސްމީކޮށް ފަށާފައެވެ. މިއީ ރާއްޖޭގައި ދޭ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ އަމާޒަށް ވާސިލްވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. އައިޖީއެމްއެޗުން ހާމަކޮށްފައިވާ ގޮތުގައި، 2023 އިން ފެށިގެން މިހާތަނަށް ޑޮކްޓަރުންގެ އޯޕީޑީތަކަށް ދެއްކި ގިނަ ބަލިމީހުންނަކީ ލޭޒަރ ސާޖަރީ ބޭނުންވާ ފަދަ ބަލިތަކަށް ފަރުވާ ހޯދަން ޖެހިފައިވާ މީހުންނެވެ. މި ބަލިތަކަށް ކުރިން ކުރަމުން އައި އޮޕަރޭޝަންތަކުގެ ސަބަބުން ބަލިމީހާ ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހުމާއި، ފަސޭހަވާން ގިނަ ދުވަސް ނެގުމުގެ އިތުރުން ބޮޑެތި ވޭންތަކެއް ތަހައްމަލް ކުރަންޖެހޭކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ. އަލަށް ތައާރަފްކުރި ލޭޒަރ ސާޖަރީގެ ފަރުވާތަކާއެކު، ކުރިން އޮޕަރޭޝަންތަކުގައި ބަލިމީހުން އުފުލަންޖެހުނު ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އޮޕަރޭޝަނަށްފަހު ބަލިމީހާ އަވަހަށް ރަނގަޅުވުމާއި، ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށް އައިޖީއެމްއެޗުން ޤަބޫލުކުރެއެވެ. މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ޖުމްލަ 4 ވައްތަރެއްގެ އޮޕަރޭޝަން ލޭޒަރ ބޭނުންކޮށްގެން ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެ އޮޕަރޭޝަންތަކަކީ: - ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އޮޕަރޭޝަން (އެންޑޯވީނަސް ލޭޒަރ ޓްރީޓްމެންޓް) - ފުރަގަސްފަރާތުގެ ބައްޔަށް ކުރާ ލޭޒަރ ސާޖަރީ (ހެމޮރޮއިޑޯޕްލާސްޓީ) - އެނަލް ފިސްޓުލާއަށް ކުރާ އޮޕަރޭޝަން (ފިސްޓުލާ ޓްރަކްޓް ލޭޒަރ ކްލޯސަރ) - ޕައިލޯނީޑަލް ސައިނަސްއަށް ކުރާ ލޭޒަރ އޮޕަރޭޝަން (ސައިނަސް ލޭޒަރ ކްލޯޒަރ)

މި ޚިދުމަތްތައް ފެށުމަކީ ރާއްޖޭގެ ސާޖަރީގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން