ރާއްޖެއިން ތެޔޮ އެތެރެކުރުމަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރާއްޖެއިން ތެޔޮ އެތެރެކުރުމަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ތެޔޮ އެތެރެކުރުމަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާއިން ހަކަތައިގެ ދާއިރާއިން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެއަކީ ވަރަށް ބޮޑަށް ތެލަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖެއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަންނަނީ ކުރަމުންނެވެ. އެގޮތުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

ވަޒީރު ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ތެޔޮ އެތެރެކުރުމަށް އަހަރަކު އެތަށް މިލިއަން ރުފިޔާއެއްގެ ޚަރަދު ކުރެއެވެ. އަދި ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދޭއިރު، މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ބަޖެޓުން ތެޔޮ އެތެރެކުރުމަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބޮޑު ހޭދައެއް ސަރުކާރުން އެބަކުރޭ ތެލަށް. ސަރުކާރުން ސަބްސިޑައިޒް ކޮށްގެން މިހާރުވެސް ތެޔޮ ލިބޭގޮތަށް ފޯރުކޮށްދެމުންދަނީ. ދައުލަތުގެ ބަޖެޓަށް އިންތިހާއަށް ސަބްސިޑީއަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވަނީ،" ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ހަކަތައިގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މިއަދު އޮންލައިން