ޤާނޫނުއަސާސީއަށް ގެނައި އިސްލާޙާއެކު އަތޮޅު ކައުންސިލްތައް އުވުމުން އެ ކައުންސިލްތައް ހިންގަމުން އައި އިމާރާތްތައް އެލްޖީއޭގެ ގޮފިތަކަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޤާނޫނުއަސާސީއަށް ގެނައި އިސްލާޙާއެކު އަތޮޅު ކައުންސިލްތައް އުވުމުން އެ ކައުންސިލްތައް ހިންގަމުން އައި އިމާރާތްތައް އެލްޖީއޭގެ ގޮފިތަކަށް ބަދަލުކޮށްފި

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު އަތޮޅު ކައުންސިލްތައް އުވުމާ ގުޅިގެން، އެ ކައުންސިލްތައް ހިންގަމުން އައި އިމާރާތްތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ގޮފިތަކަކަށް ބަދަލުކޮށްފިއެވެ. މި ބަދަލަކީ ލާމަރުކަޒީ ނިޒާމަށް ގެނެވުނު އާ އިސްލާޙުތަކުގެ ދަށުން އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކުރުމަށް އެޅުނު ފިޔަވަޅެކެވެ.

ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު އަތޮޅު ކައުންސިލްތައް އުވިގެންދިޔައިރު، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު އަމާޒަކަށްވީ އެ ކައުންސިލްތަކުގައި މަސައްކަތް ކުރަމުންދިޔަ ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާތަކަށް އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާނެ ގޮތަކަށް ކަންކަން ތަރުތީބުކުރުމެވެ. މިކަމަށް ޤާނޫނީ ހައްލެއް ހޯދައިދީފައިވަނީ ލާމަރުކަޒީ ޤާނޫނުގެ 58 ވަނަ މާއްދާއަށް ގެނައި އިސްލާޙުގެ ދަށުންނެވެ.

އާ އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، އެލްޖީއޭގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އިދާރީ ދާއިރާގެ ފެންވަރުގައި ތަންފީޒުކުރެވޭނެ އިންތިޒާމުތައް އެ އޮތޯރިޓީން ހަމަޖައްސަންވާނެއެވެ. އަދި އެލްޖީއޭގެ ޚިދުމަތްތައް ދިނުމަށްޓަކައި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި އޮފީސްތައް ޤާއިމުކޮށް ހިންގުމުގެ އިޙްތިޔާރު އެ އޮތޯރިޓީއަށް ވަނީ ދީފައެވެ.

އެލްޖީއޭއިން މައުލޫމާތު ދެއްވާ ގޮތުގައި، އަތޮޅު ކައުންސިލްތައް ހިންގި އިމާރާތްތައް އެ އޮތޯރިޓީގެ ދަށަށް ބަދަލުކުރީ އެ ތަންތަނުގައި އެލްޖީއޭގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. "މި އޮފީސްތަކުގައި ކުރިއަށްދާނީ އެލްޖީއޭގެ މައި އޮފީހުން ކައުންސިލްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަސައްކަތް،" އެލްޖީއޭއިން ބުންޏެވެ.

މީގެ އިތުރުން، ޤާނޫނަށް ގެނައި ބަދަލާއެކު އެލްޖީއޭގެ ހުރިހާ މުވައްޒަފުންނަކީ ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ. އަތޮޅު ކައުންސިލްތަކުގައި ކުރިން މަސައްކަތް ކުރި މުވައްޒަފުންނަކީވެސް ސިވިލް ސަރވިސް މުވައްޒަފުން ކަމަށްވާތީ، އެ މުވައްޒަފުންގެ ވަޒީފާއަށާއި މުސާރައަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެލްޖީއޭއިން ވަނީ ދީފައެވެ.

މިއަދު އޮންލައިން