މިހާތަނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ މަސްވެރިންނަށް ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މިހާތަނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ މަސްވެރިންނަށް ދޫކޮށްފި

ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުން ނިންމާފައި އޮތީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަން އެގޮތަށް ނިންމާފައިވަނީ، މަސްވެރިންގެވެސް ވަރަށް ބޮޑު އެދުމެއްގެ މަތިން ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަބަބަކީ، ތެޔޮ ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް މަސްވެރިންނަށް ލުއިފަސޭހަކޮށް ތެޔޮ ފޯރުކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ތެޔޮ ފޯރުކޮށްދެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަކީ، ރައީސްގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އެންމެ ބޮޑު ފައިދާއެއް ކުރަނީ، މަސްވެރިންނަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާ ކަމަށާއި، މިއީ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

މިއަދު އޮންލައިން