މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) ގެ ހިއްސާދާރުންނަށް ހިއްސާއަކަށް 5.41 ރުފިޔާ ބަހަން އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. އިއްޔެ ބޭއްވި މި ޖަލްސާގައި މި ނިންމުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ފަހިވޯޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި މި ޖަލްސާގައި 57 ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ. މިއީ އެ ބޭންކުގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުކުރާ މިންވަރެކެވެ.
މި ޖަލްސާގައި ނިންމި އެންމެ މުހިންމު އެއް ނިންމުމަކީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ޑިވިޑެންޑް ބެހުމެވެ. އެގޮތުން ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ކޮންމެ އާންމު ހިއްސާއަކަށް 5.41 ރުފިޔާ ބެހުމަށް ހުށަހެޅި ހުށަހެޅުން 99.99 އިންސައްތަ ވޯޓުން ވަނީ ފާސްވެފައެވެ. މިއާއެކު، ހިއްސާގެ ގޮތުގައި މިއަހަރު ޖުމްލަ 129,674,106.45 ރުފިޔާ ބެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މި ރިޕޯޓުތައް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 100 އިންސައްތަ އިއްތިފާގުންނެވެ.
ޖަލްސާގެ އެހެނިހެން ނިންމުންތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަށް ބޭންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް އައްޔަންކުރުމަށް 99.95 އިންސައްތަ ހިއްސާދާރުންގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ.