މިފްކޯއަކީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
މިފްކޯއަކީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ވަޒީރު ޝިޔާމް

މިފްކޯއަކީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއްކަމަށާއި، ކުންފުނީގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން މިހާރު ސަބްސިޑީއެއް ނުދޭކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުަދެއްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ސަރުކާރުގެ މަސް ކުންފުނި އޮތީ މަސްވެރިންނަށް ފައިސާ ނުދެވި، ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާޢަތުގެ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އެންމެ އިސްކަމެއް ދިނީ މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ދައުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ކުންފުންޏަކަށް މިފްކޯ ވާއިރު، ރައްޔިތުންގެ ޓެކްސް ފައިސާއިން އެ ކުންފުނި ހިންގުމަކީ ރައްޔިތުންނަށް ބުރަބޮޑުވާނެ ކަމެއް ކަމަށެވެ. "މިފްކޯއަކީ ރައްޔިތުންނަށް ބުރަ ބޮޑުވާނެ ގޮތަށް އޮޕަރޭޓް ކުރެވޭ ކުންފުންޏަކަށް ވެގެން ނުވާނެ. އެހެން އެކަން ވެއްޖެ ކަމަށްވެއްޖެނަމަ ޓެކްސް ޕެޔަރުން ދައްކާ ޓެކްސް ބޭނުންވޭ ޒިންމާދާރުގޮތުގައި ބިނާކުރަނިވިކަންކަމަށް ހޭދަކުރަން،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފްކޯގެ އޮޕަރޭޝަނަށް ރިއާޔަތް ނުކޮށް ނިންމާ ނިންމުންތަކަކީ މުޅި ސިނާޢަތަށާއި މުޅި ޤައުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަންކަމެވެ. ސަރުކާރުން ހަވާލުވިއިރު މަހުގެ އަގަށް ގެނައި ބަދަލާއެކު، މަސް ގަތުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހުނުކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.

އެގޮތުން ކުރިން މާލީ ވުޒާރާއިން މަސް ގަތުމަށް ސަބްސިޑީގެ ގޮތުގައި ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން މިފްކޯއަށް ފައިސާ ދޫކުރި ކަމަށާއި، މިއީ އަހަރެއްގެ މައްޗަށް 1.1 ބިލިޔަން ރުފިޔާގެ ބޮޑު ހޭދައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިހާރު ކުންފުންޏަށް ގެނެވުނު އިސްލާހީ ބަދަލުތަކާއެކު، ދައުލަތުން އެފަދަ ސަބްސިޑީއެއް ދިނުން މިހާރު ހުއްޓާލާފައިވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިއަދު އޮންލައިން