އެއީ ހެޔޮލަފާ އަންހެނަކާ ކައިވެނިކޮށް އުފަލުގައި ދިރިއުޅެމުން އައި މީހެކެވެ. ފިރިމީހާގެ ކިބައިން ކުށެއް ފެނުމުން ބުނެލުން ނޫންކަމެއް އަނބިމީހާ ނުކުރެއެވެ. މާގިނައިން އެވާހަކަ ދައްކައި ޝަކުވާއެއްވެސް ނުކުރެއެވެ. އެހެންވެ ފިރިމީހާއަށް ވިސްނުނީ އޭނާ ކޮންމެ ކަމެއް ކުރިނަމަވެސް އަނބިމީހާ ރުހިގެން އިންނާނެ ކަމަށެވެ.
އެހެންވެ ޒުވާން އަންހެންކުއްޖަކާއި ގުޅުނެވެ. އޭނާއަށް ވިސްނައިދިނީ އޭނާއަކީ އަނބިމީހާއަށް ނަމޫނާ ފިރިއެއް ކަމަށެވެ. އަނބިމީހާ ގެންގުޅެނީ ވަރަށް ލޯބިން ކަމެވެ. އެދޭހައި ކަމެއް ކޮށްދޭ ކަމެވެ. އެހެންވެ ދެއަންތބަށް ކައިވެނިކުރަންވެސް އިނީ ރުހިގެންކަމެވެ.
އަންހެންކުއްޖާ އޭނާގެ ވާހަކަތައް ޤަބޫލުކުރިއެވެ. ދެވަނަ އަންތބަކަށް ކައިވެނިކުރިއެވެ. ކައިވެނިކޮށްގެން ގޮވައިގެން ގޮސް ގެއަށް ވަންއިރު އަނބިމީހާއިނީ ސިޓިންގރޫމްގައެވެ. ފުރަތަމަވެސް ސުވާލުކުރީ ހުރީ ކާންހަޑާފައިތޯއެވެ. އަނބިމީހާ ބުނީ ކައްކާފައި ހުރި ކަމަށާއި ކެއުމުގެ ވަޤުތު ނޫންވީމާ ކާންހަދާލަން ވަޤުތުކޮޅެއް ދިނުމަށެވެ.
ފިރިމީހާ ޖަވާބުދިނީ އަތުންނެވެ. އަނބިމީހާގެ މޫނުމަތީގައި ޖެހިބާރުކަމުން އަނބިމީހާ ތަޅުންމައްޗަށް ވެއްޓުނެވެ.
ހަގުއަނބި ދުވެގޮސް އޭނާ ނަގައި ސޯފާގައި ބެއިންދިއެވެ. ބުންޏެވެ. "މިހިރަ ބޮޑު އަނިޔާވެރިޔާއެވެ. ތިއައީ މަލާއިކަތެއް ފަދަ މީހަކަށް ހެދިގެން ކަލޭ ދެއްކި ވާހަކަތައް ޤަބޫލުކުރެވި މައިންބަފައިންނާއިވެސް ދެކޮޅަށް މިއައީ ކައިވެނިކޮށްގެންނެވެ. މިއަދު އަނބިމީހާގެ ގައިގައި ތިއަޖެހީ އޭނާގެ އެއްވެސް ކުށެއް ނެތިއެވެ. މާދަމާ އަހުރެންގެ ގައިގައިވެސް ތިއަ ގޮތަށް ޖަހާނެއެވެ. އަހުރެން މިދަނީ ގެއަށެވެ. މިއީ ޢިއްދަނެތް ކައިވެންޏަކަށް ހަދަން މާދަމާ ކޯޓަށް ފޯމުލާނަމެވެ. މިދައްތަ ބޭނުމިއްޔާ ދާނީވެސް ގޮވައިގެންނެވެ. އަހުރެންގެ ފްލެޓުގައި ގެންގުޅޭނަމެވެ. އުޚުތެއްފަދައިން ބަލާނަމެވެ. ކަލޭގެ ހުރި ނުބައިކަމުގެ ވާހަކަ ސޯޝަލްމީޑިއާގައިވެސް ހާމަކުރާނަމެވެ."
އެހެންބުނާއިރަށް އަނބިމީހާ ސޯފާއިން ތެދުވެ އޭނާގެ އަތުގައި ހިފުމުން ދެއަންހެނުން ދުވަމުން ގެއިން ނުކުމެގެންދިއައީއެވެ. ފިރިމީހާގެ ޖަވާބަކަށް އިންތިޒާރުވެސް ނުކޮށެވެ. ފިރިމީހާއަށް ހެޔޮއެދި ކެތްތެރިވެގެން އިން އަނބިމީހާވެސް ގެއްލުނީއެވެ. އެވަރެއް ނެތިގެން ކައިވެނިކުރި ހަގުއަނބިވެސް ގެއްލުނީއެވެ.
މިއީ އަޅުގަނޑުގެ އުޚުތެއް ފަދަ އަންހެނަކަށް ކަންކަން ދިމާވި ގޮތެވެ. ފިރިމީހާގެ ހުރި އުނިސިފަތައް އިޞްލާޙްކޮށްގެންވެސް އެކުގައި އުޅެން މަސައްކަތްކުރަމުން ދަނިކޮށް ކަންކަން މެދުވެރިވި ގޮތެވެ. އެއީ ތަޤްވާވެރި އުޚުތެކެވެ. ދެވަނަ ކައިވެނީގައި އުޅެމުން އެގެންދަނީ އުފަލުންހުރެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ހުށަހަޅާލަން ބޭނުންވީ ތިމާމެންނަކީ މަލާއިކަތުން ފަދަ ބައަކަށް ހެދިގެން މިއުޅޭ މީހުންނަށް ސަމާލުވާން ބުނުމެވެ. ޙަޤީޤަތް ރަނގަޅަށް ބަލާފައި ނޫނީ ދައްކާހައި ވާހަކަ ޤަބޫލުކޮށް ކައިވެނި ނުކުރަން ބުނުމެވެ. ހަޤީޤަތް ބަލަންވީ އިތުބާރުނުކުރާތީއެއް ނޫނެވެ. ޔަޤީންކުރަންޖެހޭތީއެވެ.
- -ރުޤިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ