އަޅުގަނޑަށް ފުރަތަމަ ލޯބިވެވުނީ މީހެއްގެ ފިރިއަކު ދެކެއެވެ. އެއީ ލަދުވެތިކަމަކަށްވިޔަސް އޭނާގެ ފަހަތުން ދުވީ އަޅުގަނޑެވެ. އޭނާ އަޅުގަނޑާ އަނގައިންބުނީވެސް ފަހަތުން ދުވާތާ ހައަކަމަސް ފަހުންނެވެ. ފުރަތަމަ ބައްދަލުވުމުގައިވެސް ދެއްކީ އަނބިމީހާ ދެކެ ވަރަށް ބޮޑަށް ލޯބިވާ ވާހަކައެވެ. އެހެންކަމާއިއެކުވެސް ގޮތްދޫނުކޮށް ހިފަހައްޓައިލުމުން ކައިވެނިކުރެވުނެވެ.
ކައިވެނި ކުރީ ދޮށީއަނބިމީހާއަށް ސިއްރުންނެވެ. ބޭރުގައި ކައިވެނިކޮށް މިކޮޅުގައި ރަޖިސްޓްރީކުރީއެވެ. އަޅުގަނޑު މަސައްކަތްކުރަމުން ދިއައީ ދެމަފިރިން ވަރިކުރުވާކަށް ނޫނެވެ. ބޮޑަށް ލޯބިވަނީ އަޅުގަނޑު ދެކެ ކަމަށްހެދޭތޯއެވެ.
އެމަސައްކަތްކުރަނިކޮށް ބަލިވެއިނދެއްޖެއެވެ. ވިހައިފިއެވެ. ވަރަށް ލޯބިލޯބި އަންހެން ކުއްޖެކެވެ. އެއިރު އަދި ދޮށީއަނބިމީހާއަކަށް ކުއްޖަކު ނުލިބެއެވެ. އެހެންވެ އުންމީދުކުރެވުނީ އަޅުގަނޑުގެ ކޮޅަށް ބުރަވާނެ ކަމަށެވެ.
ސިއްރުކޮށްގެން ތިއްބައި ދޮށީއަނބިމީހާއަށް ކައިވެނީގެ ކަންތައް އެނގުނީ ދަރިފުޅަށް ހަމަހުގައެވެ. ދެމީހުން އެކުގައި ތިއްބައި ފެނުނީ އައިސް ގެއަށް ވަންތަނެވެ. ދަރިފުޅު އޮތީ ފިރިމީހާގެ އުނގުގައެވެ. އަނބިމީހާ ފެނުމާއިއެކު އަޅުގަނޑުގެ އަތަށް ދަރިފުޅު ދީފައި ތެދުވިއެވެ.
އަނބިމީހާ އެދުނީ ދެމީހުންކުރެ އެކަކު އިޚްތިޔާރުކުރުމަށެވެ. ފަސްޖެހުމެއް ނެތި ފިރިމީހާ އިޚްތިޔާރުކުރީ ދޮށީއަނބިމީހާއެވެ. އެވަޤުތު އަޅުގަނޑަށް ބުނެވުނެވެ. "ދެވަނަ އަންތބެއްގެ ގޮތުގައި ނަމަވެސް ބައިންދައިދޭށެވެ! ކުޑަދަރިފުޅަށްޓަކައި ނަމަވެސް ދެމައިން ދޫކޮށްނުލާށެވެ!"
ފިރިމީހާގެ ޖަވާބަކަށްވީ ދޮށީ އަނބިމީހާދެކެވާ ލޯތްބަށް އެއްވެސް ބަދަލެއް ނުއަންނަ ކަމަށެވެ. ބަދަލެއް ނުވެސް ގެންނާނެ ކަމަށެވެ. މިއީ ދެއަނބިން ހުއްދަވީމާ ކުރެވުނު ކަމެއް ކަމަށެވެ. ސިއްރުކުރީ ފަހުން އެނގުނީމާ އަނބިމީހާ ރުހި ޤަބޫލުވެދާނެކަމަށް ވިސްނައިގެން ކަމަށެވެ. އެކަމަކު އެކަކު އިޚްތިޔާރުކުރަން ބުނީމާ ބުރަވާނީ ދޮށީއަނބިމީހާގެ ކޮޅަށް ކަމަށެވެ.
އެވާހަކަތައް ދައްކާފައި އަޅުގަނޑުމެން ދެމައިންނަށް ބަލައިވެސް ނުލައި އަނބިމީހާ ގޮވައިގެން ނުކުމެގެން ދިއައީއެވެ. ވަރަށް ދެރަވިއެވެ. މަހެއްހައި ދުވަސްވަންދެން ވިސްނަން އިނީމެވެ. ދެކަލަންވެސް ވަރިވާން ނިންމީމެވެ. ފޯމުލާން އުޅެނިކޮށް ދޮށީ އަނބިމީހާ އައިސް ބުނީ ދެވަނަ އަންތބެއްގެ ގޮތުގައި އިނުމަށް ދެކޮޅު ނުހަދާކަމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނީ ހިތުގެ އެންމެ ފުންމިނުންވާ ލޯތްބަކީ ބަދަލުކުރުވޭނެ އެއްޗެއް ނޫންކަން އެނގިއްޖެއެވެ. ދެވަނަ އަންތބެއްގެ ގޮތުގައި އިނދެގެން ލިބޭނެ އުފަލެއް ނެތްކަންވެސް ޤަބޫލުކުރެވިއްޖެއެވެ. ވީމާ އަހުރެން އޭނާދެކެ ކިތަންމެ ބޮޑަށް ލޯބިވިނަމަވެސް ދެން ރަނގަޅުވާނީ ވަކިވުމެވެ. އަދި ލޯތްބަކީ ކޮބައިކަންވެސް ވިސްނިއްޖެކަމަށާއި އެކަކަށްވެސް ހިތްބުރަކަމެއް ނެތްކަމަށްވެސް ބުނެފައި ވަރިވީއެވެ.
އެދެމަފިރިންވެސް ވަރަށް ރަނގަޅެވެ. ދެމައިންނަށް ޚަރަދު ކުރިއެވެ. 5 އަހަރުފަހުން ދެވަނަ ކައިވެނިކުރަންދެން އަޅުގަނޑަށްވެސް ޚަރަދުކުރިއެވެ. ކައިވެނިކުރިފަހުންވެސް ދަރިފުޅަށް ޚަރަދުކުރެއެވެ. ދަރިފުޅަށް ލޯބިވެސްދެއެވެ. ބާކީވީ އަޅުގަނޑެވެ.
މިކިޔައިދިނީ އަނބިމީހާ ދެކެ ލޯބިވާ ފިރިއެއްގެ ލޯބި ހޯދަން ކުރި މަސައްކަތުން އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާއެވެ. ކިޔުންތެރިން ވިސްނާނެ ގޮތަކަށް ވިސްނާށެވެ!
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ