ފިރިހެންދަރިފުޅުގެ އަނބިމީހާ ގެއަށް ގެނެވުނު ދުވަހުން ފެށިގެން އޭނާއާއިމެދު ކަންކަން ކުރަމުން އައީ ވަރަށް ގޯސްކޮށެވެ. ކޮންމެ ދުވަހަކީވެސް ހިތްދަތިވެ ކަރުނައަޅަންޖެހޭ ދުވަހެކެވެ. ނަމަވެސް އޭނާ އައީ ކެތްތެރިވަމުންނެވެ. އެހެންކަމާއިއެކުވެސް ކުޑަދުވަސްކޮޅެއްވީތަނާ މައިދައިތަ އޭނާ ގެއިން ނެރެ ބޭރުކޮށްލިއެވެ. ބޭރުކޮށްލަމުން މައިދައިތަ ބުނީ ތިއައީ ސުންޕާ އަންހެނެއްކަމަށެވެ. ތަނަވަސްކަން ކުޑަކަމުން އަރައިނުގަނެވެނީ އޭނާގެ ސަބަބުން ކަމަށެވެ.
ބޭރުކޮށްލުމުން ނުކުމެގެންދަމުން ބުންޏެވެ. "ފިރިމީހާއެވެ! އަހުރެންނަށް ޙިމާޔަތާއި ރައްކައުތެރިކަންދޭނެ ކަމަށްބުނެ ގެއަސް ގެނެސްފައި އަހުރެންނާއިމެދު ކަންތައް ތިއަކުރީ އެންމެ އަނިޔާވެރި ގޮތުގައެވެ. އަހުރެން ނުކުމެގެން މިދަނީ ހިތްޒަޚަމްވެ ކުދިކުދިވެފައިވާ ޙާލުގައެވެ. އަހުރެން މިގެއިން ބޭރުކޮށްލެވުނީ އަހުރެންގެ ކުށެއްނެތިކަން ޤަބޫލުކުރެވެންދެން އެކަމުގެ ޖަޒާ ޢާއިލާއަށް ދެއްވެވުން އެދިގެން ދުޢާކުރާނަމެވެ."
އެތަން ބަލަންހުރި ވަރަށް ފަޤީރު އަންހެނަކު އައިސް އޭނާގެ އަތުގައި ހިފާފައި ބުނީ ތަނަވަސްކަން ހުންނަ މީހުން އެންމެ ބޮޑަށް ބިރުގަންނާނީ ތަނަވަސްކަން ގެއްލިޑާނެތީ ކަމަށެވެ. އަހުރެންނަކީ ފަޤީރަކަށްވުމުން ތަނަވަސްކަން ގެއްލިދާނެތީ ބިރުނުގަންނަ ކަމަށެވެ. އަދި އޭނާ އުޅޭޙާލެއްގައި އުޅެން އެގެއަށް ވަނުމަށެވެ.
މައިންބަފައިން ދުނިޔޭގައި ނެތުމުން ގޮސްވަންނާނެ އެހެން ތަނެއް ނެތުމުން އޭނާ އެފަޤީރު މީހާގެ ގޭގައި އުޅެންފެށިއެވެ. ދެއަންހެނުން ވެގެން ކާއެއްޗެތި ހަދައި ވިއްކަންފެށިއެވެ. މަދުހެދިކާކޮޅަކުން ފެށި މަސައްކަތް ކުރިއަރައި މެންދުރަށާއި ރޭގަނޑަށް ބޮޑެތި ބިރިޔާނި ތެލިތައް ކަންކަން އޯޑަރުލިބެން ފަށައިފިއެވެ.
ހެދިކާ ވިއްކަން ގޭދޮރުމަތީގައި ޖެހި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާގެއަކަށް ބަދަލުވެއްޖެއެވެ. އެއިގެ ދުވަސްކޮޅެއްފަހުން ރެސްޓޯރަންޓަކަށް ބަދަލުވެއްޖެއެވެ. ދެއަންހެނުންނަށް ރަނގަޅު ފިރިން ލިބިއްޖެއެވެ.
ދެން މިކިޔައިދެނީ އެގެއަކުން އެނިކަމެތި ކުއްޖާ ނެރެލެވުނު ގޭގެ ކަންތައް މެދުވެރިވި ގޮތެވެ. ފިރިހެން ދަރިފުޅުގެ ވަޒިފާ ގެއްލުނީއެވެ. މަންމަ ބަލިވެ އެނދުމަތިވީއެވެ. އެކުއްޖާ ގެއަށް ގޮސް މާފަށް އެދުމުން މާފުކުރިއެވެ. ދެމައިންނަށް ރެސްޓޯރަންޓުން ގެންގޮސް ކާންދޭން ފެށިއެވެ.
ކުރީގެ ފިރިމީހާ އެރެސްޓޯރަންޓުން ވަޒީފާއަކަށް އެދުމުން ދެކޮޅުހެދިއެވެ. "ތިއައީ އަލަތުލޯބިކަމަށްވުމުން އަދިވެސް ހިތުގައި އިޙްޞާޞްތައް ހިނގައެވެ. އެހެންވެ ގިނަގިނައިން ފެންނާކަށް ބޭނުމެއް ނޫނެވެ. ހިތަށް އުނދަގޫތަކެއްވާތީއެވެ!"
ކޮންފަދަ ޢިބްރަތްތެރި ޙާދިސާއެއްތޯއެވެ! ގެއަށް ބޭރުން ގެންދެވޭ ދަރިންނަށް އަނިޔާވެރިވެ ނިކަމެތިކުރާ ޢާއިލާތަކަށް ހަމަ ނުވިސްނެނީބާވައެވެ! ސުންޕާވަނީ ގެއަށް ގެނެވޭ ދަރިންނެއް ނޫނެވެ. އެދަރިންނަށް އަނިޔާވެރިވުމުންނެވެ. އެކަން މިޙާދިށާއިންވެސް ކިޔުންތެރިންނަށް ޤަބޫލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.
- މިއަދުނޫސް
- ޢިބްރަތްތެރި ވާހަކަ