މި ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތަކުގެ އަދަދު އިތުރުކުރެވިފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއް ގެނައުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ހާސިލުކުރި ކާމިޔާބީތަކުގެ ތަފުސީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަސްވަރު ކޮންމެ ހަފުތާއަކު އެވެރެޖުކޮށް 99 ފުލައިޓު ކެންސަލުވަމުން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ ނިސްބަތް 70 އަށް ދަށްކުރެވިފައިވާ ކަމަށާއި، މިއީ ގާތްގަނޑަކަށް 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "އަޅުގަނޑު ކުރިއެރުމެއް ކަމުގައި ދަންނަވަނީ ކުރިން ހުރި ސްޓޭޖަށް ގެނެވުނު ވާހަކައެއް ނޫން. 90 ވަރަކަށް ފުލައިޓު ކެންސަލްވެގެން ގޮސްފައި އޮތީ ފުރަތަމަ ދުވަސްކޮޅު. ނަމަވެސް މިހާރު ގަލްފުގެ މޭޖާ ކެރިއާތަކުންވެސް އޮޕަރޭޓުކުރަން ފަށައިފި. އެމިރޭޓްސްއިންވެސް އޮޕަރޭޓުކުރަން ފަށައިފި. ގަތަރު އެއާވޭސްކުރަން ފަށައިފި. މޭޖާ ފަސް އެއާލައިނުވެސް ރާއްޖެއަށް އޮޕަރޭޓުކުރޭ."
މި ބަދަލާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވުމަކީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމަށް މަގުފަހިވާނެ ކަމެކެވެ.