އައްޑޫ ބިޒްނަސް ސެންޓަރުން 700 އަށްވުރެ ގިނަ ވިޔަފާރިއަށް ކޮންސަލްޓޭޝަން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
އައްޑޫ ބިޒްނަސް ސެންޓަރުން 700 އަށްވުރެ ގިނަ ވިޔަފާރިއަށް ކޮންސަލްޓޭޝަން ދީފި

އައްޑޫ ސިޓީގައި ހުންނަ ބިޒްނަސް ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޫބަރު 2023 އިން އޭޕްރީލް 2026 އާ ހަމައަށް 709 ވިޔަފާރިއަކަށް ކޮންސަލްޓޭޝަން ދީފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. މީގެ އިތުރުން 800 އަށްވުރެ ގިނަ ވިޔަފާރިތަކަށް ސީދާ ޒިޔާރަތްކޮށް، ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީފައިވާކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

އައްޑޫ ސިޓީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީސީސީއިން ދަނީ ހޭލުންތެރިކުރުވުމުގެ ގިނަ ޕްރޮގްރާމްތަކަކާއި، ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި ޑަބްލިއުޑީސީ އެކްސްޕޯ، ކްރިއޭޓާސް ކޮންފްލުއެންސް، އަދި މަޓާޓޯ ޓްރެވަލް ކޮންފަރެންސްގެ ތެރެއިން ކުރިއަށްގެންދިޔަ ފައިނޭންޝަލް ލިޓްރަސީ ސެޝަންތައް ހިމެނެއެވެ. އަދި "ޓޫރިޒަމް ބިޔޯންޑް ބައުންޑަރީސް" ވިޔަފާރި މަޝްވަރާތަކާއި، ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ކޭމްޕްތަކާއި އެމްއެންޔޫ ޖޮބް ފެސްޓިވަލްގައި ބައިވެރިވުންވެސް ހިމެނެއެވެ.

ބީސީސީގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި، ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި 277 ތަމްރީނު ޕްރޮގްރާމާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ވަނީ ބާއްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ އިޤްތިޞާދީ ފުރަމަލަ ނުވަތަ އިކޮނޮމިކް ޕްރޮފައިލިންގގެ މަސައްކަތުގެ ދަށުން މިހާތަނަށް 645 ވިޔަފާރިއެއްގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. މީގެ އިތުރުން އެމްއެސްއެމްއީ އެވޯޑް ރަޖިސްޓްރޭޝަނާއި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ރަޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށްވެސް އެ ސެންޓަރުން އެހީތެރިކަން ދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެސްއެމްއީ އިންވެސްޓްމަންޓް ޒޯންތައް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ފުރަތަމަ އިންވެސްޓްމަންޓް ޒޯންގެ ގޮތުގައި ހަމަޖައްސާފައިވަނީ އައްޑޫ ސިޓީއާއި ހުޅުދޫ އަދި މީދޫއެވެ. މި ޒޯންތަކުގައި ހިންގާ ވިޔަފާރިތަކަށް 2027 ޖެނުއަރީ 1 އިން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ބިމު ކުއްޔާއި އާމްދަނީން ނަގާ ޓެކުހުން ލުއިތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން