ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ފުރުޞަތުގައި، އެފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނީ އަމިއްލައަށް ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި، 18 އަހަރު ފުރިފައިނުވާ ކުދިންގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެއްސި އިންތިޒާމެކެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓަގަރީއަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ފުރަތަމަ ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.

މި ކެޓަގަރީން ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުން، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ސާބިތުކޮށްދިނުމަށްޓަކައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކާޑުގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މިއަދު އޮންލައިން