މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި އަދި އަލަށް ފެށުމަށް ރޭވިފައިވާ މަޝްރޫޢުތައް ނިމުމުން، ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ވިއުގައަށް އިތުރު 330 މެގަވޮޓް އިތުރުވެގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ހަކަތައިގެ ސިޔާސަތަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާނެކަން އިޢުލާންކުރައްވާފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މި މުހިންމު ލަނދުދަނޑި ހާސިލްކުރުމަށްޓަކައި މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ތަފާތު މަޝްރޫޢުތައް ބާރުސްޕީޑުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، ސަރުކާރުގެ އަމާޒަށް ވާސިލްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ހަކަތައިގެ މަޝްރޫޢުތައް ހިނގަމުންދާކަމާއި، އިތުރު މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޙްމަދު ޢަލީ އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދާ އަދި ރޭވިފައިވާ ހުރިހާ މަޝްރޫޢުތަކެއް ނިމުމުން، ޤައުމީ އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ބޭނުންވާ 330 މެގަވޮޓްގެ ހަކަތަ އިތުރަށް ޤާއިމްކުރެވިގެންދާނެ ކަމަށެވެ.
"މި ދެންނެވި ހުރިހާ ޕްރޮޖެކްޓުތަކެއް ނިމުމުން އަޅުގަނޑުމެންނަށް އިތުރަށް 330 މެގަވޮޓް އިތުރުކުރެވޭނެ. އެއީ މިހާރު ހުރި 110 މެގަވޮޓްގެ އިތުރަށް މި 330 މެގަވޮޓް އިންސްޓޯލް ކުރެވިގެން ދިޔާމާ އަޅުގަނޑުމެންނަށް އެ ހާސިލްކުރެވެނީ ބޭނުންވާ ޓާގެޓް. އެއީ 2028 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައިގެ އޮބްޖެކްޓިވް ހާސިލްވެގެންދާނެ،" އަޙްމަދު ޢަލީ ވިދާޅުވިއެވެ.
މި މަޝްރޫޢުތަކަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަސައްކަތެވެ. މީގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.