އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ރިކަވަރީ އޮޕަރޭޝަން ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ރިކަވަރީ އޮޕަރޭޝަން ނިންމާލައިފި

ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިން ހޯދުމަށް ކުރިއަށް ގެންދިޔަ ރިކަވަރީ އޮޕަރޭޝަން ކާމިޔާބީއާއެކު ނިންމާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓު ލިބިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރުއެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާއިރު، އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރުއެވެ. އޭނާ ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްގެ ތެރެއިންނެވެ.

މި އޮޕަރޭޝަންގެ ތެރެއިން ހިތާމަވެރި އަނެއް ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދިވެހި ސިފައިންގެ ޑައިވް ޓީމުން މެދުނުކެނޑި މަސައްކަތް ކުރަމުން ދަނިކޮށް، ހޮނިހިރު ދުވަހުގެ މެންދުރުފަހު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން ރިކަވަރީ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލިއެވެ.

ނަމަވެސް، އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން މި އޮޕަރޭޝަން އަލުން ފަށާފައިވަނީ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާ އެކުގައެވެ. މި ތަޖުރިބާކާރުންނާއެކު ކުރެވުނު ވަރުގަދަ މަސައްކަތުން، ގެއްލިފައިވާ ބާކީ ތިބި މީހުންގެ ހަށިތައް ވަނީ ލޮކޭޓް ކުރެވިފައެވެ. އަދި ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ހަތަރު މީހުންގެ ހަށިގަނޑުވެސް ވަނީ މޫދުން ނަގާފައެވެ.

މި ހަތަރު މީހުންގެ ހަށިގަނޑު ނެގުމާއެކު، ގެއްލުނު ފަސް ފަތުރުވެރިންގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. އެއާއެކު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށްދިޔަ ރިކަވަރީ އޮޕަރޭޝަން މިހާރު ވަނީ ރަސްމީކޮށް ނިންމާލާފައެވެ.

މިއަދު އޮންލައިން