ދަމަނަވެށީގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދިނުމަށް ވަގުތީގޮތުން އެހެން އިމާރާތްތަކަށް ބަދަލުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދަމަނަވެށީގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދިނުމަށް ވަގުތީގޮތުން އެހެން އިމާރާތްތަކަށް ބަދަލުކުރަނީ

ދަމަނަވެށިން ދެމުންގެންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ ތަނުގެ ޚިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތްތަކަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ. ދަމަނަވެށިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ރަސްމީ އިއުލާނެއްގައެވެ.

ދަމަނަވެށިން ވިދާޅުވީ، ދިވެހިންގެ އާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ސެންޓަރުތައް ޤާއިމްކުރުމަށްޓަކައި ކުރީގެ ތެލެސީމިއާ ސެންޓަރާއި، މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި މަރާމާތުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ޚިދުމަތްތަކަށް ބުރޫނާރާނެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން އެހެން ތަންތަނުން ލިބޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އެގޮތުން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ޤާއިމުކޮށްފައިވާ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ އިތުރުން، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓާއި ޖީ.ޕީ ކްލިނިކުން ކަމަށް ދަމަނަވެށިން ވިދާޅުވެއެވެ.

މި ބަދަލަކީ މާލޭ ސަރަހައްދުގެ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ނިންމާފައިވާ ނިންމުމެކެވެ.

މިއަދު އޮންލައިން