ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޓެރިފް ކަނޑާލުމަކީ ބާޒާރު ފުޅާވާނެ ކަމެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޓެރިފް ކަނޑާލުމަކީ ބާޒާރު ފުޅާވާނެ ކަމެއް: ރައީސް

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލުމަކީ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފުރުސަތުތައް ފުޅާވެގެންދާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދުން ފެށިގެން ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެ ކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މި ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މިއީ މީގެކުރިން ވަރަށް ގިނަ ސަރުކާރުތަކުން މަސައްކަތް ކުރެއްވި ކަމެކެވެ. ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޓެރިފް ކަނޑާލުމަށް އެކި ސަރުކާރުތަކުން މަސައްކަތްކުރާތާ މިހާރު ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ލުޔެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ނިންމުމުގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި އޮތް ޑިމާންޑާއި ފުރުސަތުތައް މީގެ ސަބަބުން އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން