އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އެ ގައުމުން ނިންމި ނިންމުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަރުހަބާ ވިދާޅުވެއްޖެއެވެ. މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިއީ ރާއްޖޭގެ މަސްވެރިންނަށާއި، އެމީހުންގެ އާއިލާތަކަށާއި، ރަށްރަށުގެ މުޖުތަމައުތަކުގެ އިތުރުން މަސް ބޭރުކުރާ ކުންފުނިތަކަށް ލިބުނު ސީދާ ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ރާއްޖެއިން ޒަމާނުއްސުރެ ކުރަމުން އަންނަ ދެމެހެއްޓެނިވި އެއްލަކަނޑުގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ މައިދާނުގައި ލިބުނު ބޮޑު ބަލައިގަތުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ދިވެހި ކަނޑުމަހަކީ ހަމައެކަނި ދުނިޔެއަށް ކާނާ ފޯރުކޮށްދޭ އެއްޗެއް ނޫން، އެއީ ޒިންމާދާރުކަމާއެކު އެއްލަކަނޑުން ބާނާ މަސް. މިއަދު އެ މަސައްކަތަށް އެންމެ މުހިންމު އެއް މާކެޓުން މިވަނީ ހައްގުވާ އިލްތިމާސް ލިބިފައި،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މި ކާމިޔާބީއާ ގުޅިގެން މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދެއްވާ ހަރުދަނާ ލީޑަޝިޕަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ރާއްޖެއާއި އިނގިރޭސިވިލާތުގެ ސިނާއީ ބައިވެރިންނާއި ހުރިހާ ސްޓޭކްހޯލްޑަރުން ކުރެއްވި މެދުކެނޑުމެއް ނެތް މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ވަރަށް މުހިންމު މާކެޓެކެވެ. ޓެރިފް ކަނޑާލުމާއެކު ދިވެހި މަސްވެރިން ބާނާ މަހަށް ބޭރުގެ ބާޒާރުގައި ރަނގަޅު އަގު ލިބި، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.