ރަޖިސްޓްރީނުކޮށް ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކަމުންދާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަނެއްކާވެސް ދީފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ބޭސް އިމްޕޯޓް ކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ރާއްޖެއަށް ބޭސް އެތެރެކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި އެފަދަ ބޭސްތައް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ މައްސަލަތައް ފެންމަތިވެ އާންމުންގެ ޝަކުވާ ލިބެމުންދާތީ، އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަން އެ އޮތޯރިޓީން ވަނީ ހާމަކުރައްވާފައެވެ.
ސިއްޙީ ޚިދުމަތުގެ ޤާނޫނުގެ ދަށުން ބޭހާ ބެހޭ ޤަވާއިދަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެމްއެފްޑީއޭ އިން ބަޔާންކުރާ ގޮތުގައި، ރާއްޖެއަށް އިމްޕޯޓްކުރާ ކޮންމެ ބޭހަކީ ބޭސް ރަޖިސްޓްރީ ކުރުމުގެ އުސޫލުގެ ދަށުން ރަޖިސްޓްރީކޮށް، "އެޕްރޫވްޑް ޑްރަގް ލިސްޓު" ގައި ހިމެނޭ ބޭހަކަށް ވާންޖެހެއެވެ.
ނަމަވެސް، މިހާރު ބާޒާރުގައި ރަޖިސްޓްރީ ނުކޮށް ވިއްކަމުންދާ ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ އެއްޗެއް ނޫން ކަމަށާއި، އޭގެ ފެންވަރާއި ރައްކާތެރިކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީވެސް މަނާކަމެއް ކަމަށް އެމްއެފްޑީއޭ އިން ހަނދާންކޮށްދެއެވެ.
އެމްއެފްޑީއޭ އިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ރަޖިސްޓްރީނުކޮށް އިމްޕޯޓްކޮށްގެން އޮންލައިންކޮށް އަދި ފިހާރަތަކުގައި އެންމެ ގިނައިން ވިއްކަމުންދާކަމަށް މިވަގުތު ފާހަގަކުރެވިފައިވާ 21 ބާވަތެއްގެ ބޭސް އެބަހުއްޓެވެ. މި ބޭސްތަކަކީ އާންމުންގެ ސިއްޙަތަށް ނުރައްކާވެދާނެ އެއްޗެހި ކަމަށްވާތީ، ބޭސް ގަތުމުގައި ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.