ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، ހއ. ތުރާކުނު، ނޫރަންވިލާ ޢަބްދުﷲ ޖަލީލް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައި ހއ. ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަންވެސް ކުރެއްވި، އެރަށު ނޫރަންވިލާ ޢަބްދުﷲ ޖަލީލް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަރްޙޫމްގެ ޢާއިލާއަށާއި ތުރާކުނުގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް ޢަބްދުﷲ ޖަލީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ. "މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުﷲ ޖަލީލް ލައްވާށި. އާމީން،" ރައީސް ވިދާޅުވިއެވެ.
ޢަބްދުﷲ ޖަލީލަކީ ތުރާކުނުގެ އިދާރީ ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެރަށުގެ ކަތީބުކަމާއި ކުޑަކަތީބުކަމުގެ މަޤާމު ފުރުއްވައި، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.