ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ކަނޑާލުމަށް ނިންމި ނިންމުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ އަދި ނަތީޖާ ނެރެދެނިވި ސިޔާސަތުތަކުގެ ސަބަބުން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން ވިދާޅުވީ، މި މުހިންމު ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އަދި މިއީ ރައީސްގެ ރޭވުންތެރިކަމާއެކު ޚާރިޖީ ދާއިރާއިން ކުރެއްވި މިންނެތް މަސައްކަތްޕުޅުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައީސް ޑރ. މުޢިއްޒުކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ރަސްގެފާނާ ބައްދަލުކުރައްވައި، ރާއްޖޭގެ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމާ ގުޅޭގޮތުން ސީދާ މަޝްވަރާ ކުރެއްވި ކަމަށެވެ.
"އިނގިރޭސިވިލާތުގެ ރަސްގެފާނާ ބައްދަލުކުރެއްވިއިރުވެސް ހަމަ ދެއްކެވީ މި ވާހަަކަ. ދިވެހިރާއްޖޭގެ ކަނޑުމަހުގެ، ޚާއްޞަކޮށް ކަޅުބިލަމަހުގެ ޑިމާންޑް ޔޫކޭގައި ވަރަށް ބޮޑު ކަމަށް ވިދާޅުވި،" ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ދިވެހި މަހަކީ ދުނިޔޭގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ، ދެމެހެއްޓެނިވި ގޮތެއްގައި ދޫނިޖަހައިގެންނާއި އަތުނުލާ ބާނާ ތާޒާ މަހަށް ވާތީ، އިނގިރޭސިވިލާތުގެ މާކެޓުގައި އެއަށް އޮތް ޝައުޤުވެރިކަން ބޮޑުކަން ރައީސް ވަނީ އެޤައުމުގެ އިސްވެރިންނަށް ބާރުއަޅުއްވައި ވިދާޅުވެދެއްވާފައެވެ.
މި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ލިބި، ރާއްޖޭގެ އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.