ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމަށް އިންޖީނުގެ ނިއްވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމަށް އިންޖީނުގެ ނިއްވާލަނީ

މާލެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއް ފެށުމަށް ނިންމައިފިއެވެ. މި މަސައްކަތުގެ ދަށުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް ގެންނަންޖެހޭ ޒަމާނީ ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މި އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ ސަބަބުން މާލެ ސަރަހައްދުގެ ކަރަންޓު ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުވެ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

މި މުހިންމު މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 23 މޭ 2026 ވާ ހޮނިހިރު ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ވަގުތަކީ އާންމުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ޚިދުމަތަށް ކުރާނެ އަސަރު ކުޑަވާނެ ކަމަށް ބެލެވެއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި، އިންޖީނުގެ ނިއްވާލާފައި އޮންނަ ވަގުތު ކަރަންޓު ބޭނުންކުރާ މިންވަރު އުފެއްދޭ މިންވަރަށްވުރެ އިތުރުވެއްޖެނަމަ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ޖެހިދާނެއެވެ. ނަމަވެސް، ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ އެހީގައި މާލެއާއި ހުޅުމާލެއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުންނާނެތީ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

"މަސައްކަތް ކުރިއަށްދާ ވަގުތު، ކަރަންޓު ކަނޑާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަޢުލޫމާތު އަޅުގަނޑުމެންގެ ސޯޝަލް މީޑިއާ މަންސަތަކުން ވަގުތުން ހިއްސާކުރަމުންދާނެ،" ސްޓެލްކޯއިން ބުނެފައިވެއެވެ. އެ ކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި، ޚިދުމަތް އާންމު ހާލަތަށް ގެނައުމެވެ.

މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މައާފަށް އެދޭއިރު، މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއަދު އޮންލައިން