މިއަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ. ބޮޑު ޖަމާޢަތުގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޖުމްލަ 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ.
މާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، މަސްޖިދު މަލިކި ސަލްމާން، މަސްޖިދުލް ފުރްޤާން، މަސްޖިދުއް ނޫރު، މަސްޖިދުއް ޝަހީދު ޢަލީ، މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން، މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް، މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން، މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން، މަސްޖިދު ޞަލާޙުއްދީން، މަސްޖިދު ޖަލާލުއްދީން، މަސްޖިދު އިބްރާހީމް، މަސްޖިދު އިސްކަންދަރު، މަސްޖިދު ޔޫސުފުލް ބަރުބަރީ، މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން، މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ އަދި މާފަންނު އާ މިސްކިތް ހިމެނެއެވެ.
ހުޅުމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު އަޞްދީޤާ، މަސްޖިދުލްވާލިދައިނި، މަސްޖިދުލް ޙަސަން އާދަމް އަދި މަސްޖިދު އުޘްމާން ބިން ޢައްފާންގައެވެ. ވިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއް ސަލާމުގައެވެ.
ކޮންމެ އަހަރަކުވެސް އަޟްޙާ ޢީދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ނަމާދުކުރުމަށްޓަކައި ބޮޑު ޖަމާޢަތުގެ އިންތިޒާމްތައް ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ.