މަސްވެރިކަން އަނދަވަޅުން ސަލާމަތް ކުރެއްވުމަށް ރައީސް ދެއްވާ އިސްކަން ޕީއެންސީން ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 13ސ
މަސްވެރިކަން އަނދަވަޅުން ސަލާމަތް ކުރެއްވުމަށް ރައީސް ދެއްވާ އިސްކަން ޕީއެންސީން ފާހަގަކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރެއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އުވާލުމަށް އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެން، ސަރުކާރަށް މަރުހަބާ ކިޔައި ނެރުނު ބަޔާނެއްގައެވެ.

ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަސްވެރިކަމުގެ ސިނާޢަތަށް ފަހިކަމާއި ކުރިއެރުން ހޯދައިދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާތީ، ދިވެހި މަސްވެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ކަމަށެވެ. ޚާއްސަކޮށް، މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ރަނގަޅު އަގެއް ހޯދައިދެއްވުމަށާއި، ބައިނަލްއަޤުވާމީ އައު ބާޒާރުތަކުން ދިވެހި މަހުގެ އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު އެ ޕާޓީން ބަލައިގަނެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭން ގިނަ އަދަދަކަށް މަސް އެކްސްޕޯޓް ކުރާ ޤައުމަކަށްވާއިރު، އެ ޤައުމުން ދިވެހި މަހުން ނަގަމުން އައި ޓެރިފް މިދިޔަ ބުދަ ދުވަހުން ފެށިގެން ނުނަގަން ނިންމުމަކީ ދިވެހި މަސްވެރިންނާއި، މަސްވެރި އާއިލާތަކުގެ އިތުރުން މި ސިނާޢަތުގެ ވިޔަފާރިތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޕީއެންސީން ބުނެއެވެ. މި ބަދަލާއެކު އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ އަދަދު އިތުރުވެ، ސިނާޢަތުގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށްވެސް އެ ޕާޓީން ފާހަގަކުރެއެވެ.

މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރަސްގެފާނާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާކަން ޕީއެންސީން ފާހަގަކުރެއެވެ. އެ މަޝްވަރާތަކުގައި ރައީސް އެންމެ ބޮޑަށް އެދިވަޑައިގެންނެވީ ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ކަނޑައިދިނުމަށެވެ.

މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށްވެސް ޕީއެންސީގެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމާއި، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން، މަސް އޮޑިފަހަރަށް ލޮނުން ގަނޑުފެން އުފައްދާ ނިޒާމު (RSW) ގާއިމުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހި މަސްވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ވަކި ޚާއްސަ ކުންފުންޏެއް އުފައްދަވާފައިވާތީ، އެކަމަށްޓަކައިވެސް ޕީއެންސީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކޮށްފައެވެ.

މިއަދު އޮންލައިން