ބޭނުންކުރެވޭ ރިޒާވުގައި 244 މިލިޔަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭއިން ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ބޭނުންކުރެވޭ ރިޒާވުގައި 244 މިލިޔަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭއިން ހާމަކޮށްފި

ދައުލަތުގެ ދަރަނިތައް ދެއްކުމަށްފަހުވެސް ބޭނުންކުރެވޭ ރިޒާވުގައި 244 މިލިޔަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ދަރަނިތައް ދެއްކުމާއެކު ރާއްޖޭގެ ރަސްމީ ރިޒާވު ވަނީ ކުރީ މަހާ އަޅާބަލާއިރު ބޮޑުތަނުން ދަށްވެފައެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަސްމީ ރިޒާވް އެޕްރީލް މަހުގެ ނިޔަލަށް ހުރީ 717.9 މިލިޔަން ޑޮލަރުގައެވެ. މިއީ މާރިޗު މަސް ނިމުނު އިރު ރިޒާވް ހުރި 1.33 ބިލިޔަން ޑޮލަރާ އަޅާބަލާއިރު 46 އިންސައްތައިގެ ދަށްވުމެކެވެ. ރިޒާވް މިހާ ބޮޑަށް ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ އެޕްރީލް މަހުގެ ތެރޭގައި ދައުލަތުން ބޮޑެތި ދަރަނިތަކެއް އަދާކޮށްފައިވުމެވެ. ހަމައެކަނި އެޕްރީލް މަހުގެ ތެރޭގައި ސަރުކާރުން ވަނީ 924 މިލިޔަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައެވެ.

ސަރުކާރުން ދައްކާފައިވާ ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރުގެ ދަރަންޏަކީ އެކި ދުވަސްވަރު މަތިން ނަގާފައިވާ، އަދި މިއަހަރަށް މުއްދަތު ހަމަވާ ގޮތަށް ހުރި ދަރަނިތަކެކެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެވުނު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީ ހިމެނެއެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މި ދަރަނިތައް އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވުން ކަމަށެވެ.

ރަސްމީ ރިޒާވު ދަށްވެގެން ދިޔައިރު، ބޭނުން ކުރެވޭ ރިޒާވުވެސް ވަނީ ދަށްވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވާއި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތައް އުނިކުރުމަށްފަހުއެވެ. މިއީ ދައުލަތުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ލިބެން ހުންނަ ފައިސާގެ އަދަދެވެ.

މިއަދު އޮންލައިން