ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަކަށް ވިލާތުގެ އިއްތިހާދު (އީޔޫ) އިން 4 މިލިޔަން ޔޫރޯގެ މާލީ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް 71 މިލިޔަން ރުފިޔާގެ އެހީއެކެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝެރީނާ ޢަބްދުއްސަމަދު އެވެ. އީޔޫގެ ފަރާތުން މި އެއްބަސްވުން ހަވާލުކޮށްދެއްވީ އެ އިއްތިހާދުން ރާއްޖެއަށް ވަޑައިގެން އުޅުއްވާ ވަފުދުގެ ވެރިޔާ ޑރ. ޔޯހާން ހެސޭ އެވެ.
"ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރިޖެނެރޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށް، އެކަމަށް ހުރި ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް ހިމާޔަތްކޮށް، ހަލާކުވަމުންދާ ސަރަހައްދުތައް އިއާދަކުރުމެވެ. މި އެހީގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.