ޣީބަ ބުނުމަކީ އަނެކާ ދިރިހުއްޓައި އޭނާގެ މުޅަމަސް ކެއުންފަދަ ބޮޑުފާފައެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި ޤިޔާމަތްދުވަހު ބަދަލުދޭންޖެހި ތިމާށކުޅަ ހުރިހާ ހެޔޮ ޢަމަލުތައް ހުސްވެ އެހެން މީހުންގެ ފާފަތައް ހިފައިގެން ނަރަކައަށް ވަންނަންޖެހިޑާނެ ފާފައެއްކަންވެސް އެބަ އެނގެއެވެ. ނަމަވެސް ސަމާލުކަން އެބަދެވޭ ހެއްޔެވެ؟
އިސްލާމީ މުޖުތަމަޢުތަކަށް ބަލައިފިނަމަ އެންމެ ބޮޑު އެއް ވަބާއަކަށްވެފައި މިވަނީ ޣީބަ ބުނެ މީސްތަކުންގެ މުޅަމަސް ކެއުމުގެ މައްސަލައެވެ. މިކަމަކީ އެއްވެސް ކަމެއް ނޫންކަމަށް ޤަބޫލުކުރެވި، ޢަންމުވެ ފެތުރެމުންދާ އެންމެ ބޮޑު އެއް ސަބަބަކީ މައިންބަފައިންނެވެ.
ގޭތެރޭގައި ދެކެވޭ އެބާވަތުގެ ވާހަކަތަކުގެ އަޑު ދަރިންނަށް އިވޭތީއެވެ. އެހެންވެ ދަރިން ބޮޑެތިވެގެން އަންނައިރު ވިސްނިފައި އޮންނަނީ އެއްވެސް ކަމެއް ނޫން ކަމަށެވެ. ނަތީޖާއަކަށްވަނީ ސްކޫލްތަކާއި ކޮލެޖުތަކާއި އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންވެސް ޣީބަބުނުމަށް އާދަވެފައި ތިބުމެވެ. މިއީ ދަރިންނަށް ދެވޭ އެންމެ ބޮޑު އނިޔާއަކަށް ނުވާނެ އެއްވެސް ގޮތެއް ނެތެވެ.
ޣީބަ ބުނުމުގެ ހުރި ނުބައިކަން ބަޔާންކޮށް މުދައްރިސަކު ފިލާވަޅެއް ނަގައިދިންނަމަވެސް ދަރިވަރުން ސަމާލުކަމެއް ނުދެއެވެ. އެއީ އެކުދިން އަޑުއަހަން ބޭނުންވާ ވާހަކައަކަށްނުވެއެވެ. އެގޮތުގައި ދަރިން ބޮޑެތިވީމާ ވާނެ ގޮތް މިދަނީ މުޖުތަމަޢުތަކުން ފެންނަމުންނެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ބެލެނިވެރިންނޭވެ! މިކަމަށް ހޭލާށެވެ. ފުރަތަމަ ކަމަކަށް ބޮޑެތި މީހުން ޣީބަބުނުން ހުއްޓައިލާށެވެ. ބޭރުން އަންނަ މީހަކު އެފަދަ ވާހަކައެއް ދައްކަން ފެށިނަމަވެސް އެކަން ހުއްޓުވާށެވެ. މިގޭގައި އެފަދަ ވާހަކަ ނުދައްކަން ބުނާށެވެ. ކުދިންނަށް އަޑުނުއިވޭނެކަމަށް ބަލައި ސިއްރުންވެސް އެފަދަ ވާހަކަތައް ނުދައްކާށެވެ.
އެހެން މީހުންގެ ވާހަކަ ދެއްކުމަށްވުރެ ދައްކަންހުރި މާމުހިންމު ވާހަކަތައް ބައިވަރު ނޫންހެއްޔެވެ؟ ތިމާއަށާއި ތިމާމެންގެ ދަރިންނަށް ފައިދާކުރާނެ ކޮންމެވެސް ވާހަކައެއް ދައްކަން މަސައްކަތްކުރާށެވެ. މިވެނި އެވެނި މީހާ އުޅޭ ގޮތުގެ ވާހަކަ ދެއްކުމާއި މިވެނި އެވެނި މީހާ ކުރާ ކަންކަމުގެ ވާހަކަ ދެއްކުން މުޅިން ހުއްޓައިލާށެވެ. އެކަން އެމީހަކަށް ދޫކޮށްލާށެވެ. ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިނަމަވެސް އެމީހަކު ކުރި ކަމަކަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން