ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތައް އަންނަ އަހަރުވެސް ކުރިއަށްދާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތައް އަންނަ އަހަރުވެސް ކުރިއަށްދާނެ: ރައީސް

ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތައް އަންނަ އަހަރުވެސް ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދައުލަތުގެމީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ ބޮޑު އަސާސީ ޙައްޤުކަމަށާއި، އެ ޙައްޤު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ސަރަޙައްދުގެ އިތުރުން ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް އެކި ކުންފުނިތަކާ ހަވާލުކުރައްވާފައިވާކަމަށެވެ. އެގޮތުން ބީއެމްއެލްގެ ފައިނޭންސްގެ ދަށުން 13 ރަށެއްގައި 900 އެއްހާ ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވާކަމަށާއި، އެޗްޑީސީއާ ހަވާލުކޮށްގެންވެސް ބޮޑެތި ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލެ ސަރަޙައްދުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރަހައްދުގައި 4000 އާ ހަމައަށް ފްލެޓް އެޅުމަށް ކުންފުނިތަކާ ހަވާލުކުރައްވާފައިވާކަމަށެވެ. އަދި "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްގެ ދަށުން 2000 ހައުސިން ޔުނިޓް އެޅުމަށް އިޢުލާންކުރުމުން އެކަމަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭރުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "އިންޑިއާގެ އެލްއޯސީގެ ތެރެއިން 4000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވޭ. އެކަން އަަވަސް ކުރުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާ ދަނީ ކުރަމުން. ޗައިނާ ސަރުކާރުން 500 ހައުސިން ޔުނިޓް އެޅުމަށް ހަމަޖައްސާފައިވޭ. އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުން،" ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން މިއަހަރުގެ ތެރޭގައި މާލެ ސަރަޙައްދުގައި އިތުރު މަޝްރޫޢުތައް ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާއިރު، އަންނަ އަހަރުވެސް އިތުރު އައު މަޝްރޫޢުތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މިއަދު އޮންލައިން