ކުރީގެ ސަރުކާރުތަކާ ޚިލާފަށް، މިހާރު ރާއްޖޭގައި ސިޔާސީ މަސައްކަތް ކުރުމުގައި އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށާއި، ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށް ޖަލަށްލާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެމީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުތަކުން ސިޔާސީ ގޮތުން މީހުން ޖަލަށްލުން އާންމުކަމަކަށް ހަދާފައި އޮތް ނަމަވެސް، އެމަނިކުފާނުގެ އަމާޒަކީ އެކަން ނިމުމަކަށް ގެނެސް، ޤައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުކުރުން ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، މިއަދު ސިޔާސީ އެއްވެސް މީހަކު ޖަލުގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ކޮންމެ މީހަކަށްވެސް ސިޔާސީ މަސައްކަތް ކުރުމުގެ މަގު މިއަދު ވަނީ ފަހިވެފައި ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ މަސައްކަތްތަކަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށެވެ. ނަމަވެސް، ރާއްޖެއަކީ ސައްތަގައުމެއްގެ ގޮތުގައި އޮތް އިސްލާމީ ޤައުމަކަށް ވާއިރު، ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ދީނީ އިމުގެ ތެރެއިން ކަމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "އެންމެންނަށްވެސް އޮންނަ މިނިވަންކަމެއް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ. އެ މިނިވަންކަން ބޭނުންކުރަންވީ ހަމަ އޭގެ އެންމެ ފުޅާމިނުގައި. އެކަމަކު ކޮންމެ މީހަކަށްވެސް އޮތް ހުދޫދު އެންމެނަށްވެސް އެޕްލައިވާނެ. މުސްލިމަކަށްވީތީ އެޕްލައިވާ ހުދޫދު އޮންނާނެ،" ކަމަށެވެ. އަދި އެހެން މީހުންގެ އަބުރު ކަތިލުމާއި ހައްގުތަކަށް އަރައިގަތުމަކީ އިސްލާމްދީނުގައި މަނާކަމެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީ ތަންފީޒުކުރުމުގައި އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ހަމަހަމަކަމާއެކު ޢަދުލުވެރިކަން ދެމެހެއްޓުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.