ސަރުކާރުގެ ހިންގުން ހަރުދަނާކުރަން ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: ރައީސް މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ސަރުކާރުގެ ހިންގުން ހަރުދަނާކުރަން ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: ރައީސް މުޢިއްޒު

ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ ބަދަލުތައް ގެންނަވަންޖެހޭކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން ގޯސްކޮށްދާނަމަ އެކަން ރަނގަޅުކުރުމުގެ ގާބިލުކަން އެމަނިކުފާނުގެ ހުންނާނެ ކަމަށެވެ. އަދި ދާދިފަހުން ސަރުކާރުގެ ވުޒާރާތަކަށާއި ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވީ އެ ވިސްނުންފުޅުގެ ދަށުން، ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ނިންމެވުންތަކުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އަޅުއްވަންޖެހުނު ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއްނެތި އަޅުއްވާނެ ކަމަށެވެ.

"އެކީގައި އެފިޝަންސީ ވަރަށް މަތިކުރެވިއްޖެ މިހާރު ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަލާއިރުގައި. އޭގެ މާނައެއް ނޫން ކުރީގެ މިނިސްޓަރުން ފަރުވާތެރިކަމާއެކު މަސައްކަތް ނުކުރެއެކޭ. އެކަމަކު އެއަށްވުރެ ރަނގަޅަށް ކުރަން ބޭނުންވެގެން އަޅުގަނޑު ގެންނަން ބޭނުންވި ބަދަލުތަކެއް ގެނައީ. ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައް ބަލަމުންދާއިރު އަޅުގަނޑަށް ފެނޭ މިގެނައި ބަދަލުގެ ހެޔޮ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާކަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ފާއިތުވެދިޔަ ދުވަސްތަކުގައި ވުޒާރާތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ކުރެވުނު މަސައްކަތުން، ޚިދުމަތްތައް އަވަސްވެފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ވުޒާރާއިން ޖަވާބުދާރީވާ މުއްދަތު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މީގެ ކުރިން އެވްރެޖުކޮށް އެ ދަރިވަރުން ހުށަހަޅާ ކަންކަން ޕްރޮސެސްކުރުމަށް 4 ހަފުތާ ނަގާއިރު، މިހާރު ނަގަނީ އެންމެ 4 ދުވަސް،" ސަރުކާރުގެ ހިންގުމަށް އައިސްފައިވާ ހެޔޮ ބަދަލުގެ މިސާލެއް ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ބާރުއެޅުއްވީ، ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ސަރުކާރުގެ މިސްރާބު ހިފަހައްޓައި، ވީހާވެސް ހަލުވިކަމާއެކު ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ.

މިއަދު އޮންލައިން