މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަޝްރޫޢުތަކަށް އައި ލަސްކަން ނިމި، މަސައްކަތްތައް މިހާރުދަނީ ބާރުދުވެލީގައި ކުރިއަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަޝްރޫޢުތަކަށް އައި ލަސްކަން ނިމި، މަސައްކަތްތައް މިހާރުދަނީ ބާރުދުވެލީގައި ކުރިއަށް: ރައީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އައި ނަމަވެސް، މިހާރު އެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދާކަން ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ރަށްރަށުގައި ބަނދަރު ހެދުމާއި، މަގު ހެދުމާއި، އެއަރޕޯޓްތައް ތަރައްޤީކުރުމުގެ އިތުރުން ބިން ހިއްކުމުގެ އެކި މަޝްރޫޢުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ 21 ރަށަކުން 1100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ. އަދި މީގެ ތެރެއިން 500 ހެކްޓަރަކީ ރަސްމާލެއިން ހިއްކާފައިވާ ބިން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫޢަކީ ޚަރަދު ބޮޑު ނަމަވެސް ދެމެހެއްޓެނިވި ތަރައްޤީގެ ނަޒަރިއްޔާއިން ބަލާއިރު މުހިއްމު މަޝްރޫޢެއްކަމަށެވެ.

އާބަން ޑިވެލޮޕްމަންޓް ޕްލޭންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "އަޅުގަނޑުމެން އާބަން ޑިވެލޮޕްމަންޓް ޕްލޭން ފަރުމާ ކުރަނީ ސަރަޙައްދީ ތަރައްޤީގެ ގޮތުގައި. މިސާލަކަށް އެއަރޕޯޓްތައް ތަރައްޤީކުރާ ތަންތަނަކީ އޭގެ ސަބަބުން ޕޮޕިއުލޭޝަން ކޮންސަލިޑޭޝަނަށްވެސް ފައިދާވާނެ ތަންތަން. ބަނދަރު ހެދުންވެސް އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ބެލިނަމަވެސް ވަރަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވިއްޖެ."

މީގެ އިތުރުން، ރައީސް ވަނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ސަރުކާރުން އިސްކަންދޭ ދާއިރާތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެ ފަދަ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މިއަދު އޮންލައިން