އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހަށް ޓެރިފް ކަނޑާލުމަކީ ލިބުނު ކުރިއެރުމެއް: އެކްސްޕޯޓަރުންގެ ޖަމީއްޔާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހަށް ޓެރިފް ކަނޑާލުމަކީ ލިބުނު ކުރިއެރުމެއް: އެކްސްޕޯޓަރުންގެ ޖަމީއްޔާ

އިނގިރޭސިވިލާތުން ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެރިފް ކަނޑާލުމަށް ނިންމި ނިންމުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދިވެހި މަސްވެރިކަމުގެ ސިނާޢަތުގެ އުފެއްދުންތަކުގެ އެކްސްޕޯޓަރުންގެ ޖަމީއްޔާ (އެމް.އެސް.ޕީ.އީ.އޭ) އިން ބުނެފިއެވެ.

އެ ޖަމީއްޔާއިން ނެރުނު ބަޔާނެއްގައި، އިނގިރޭސިވިލާތުގެ ސަރުކާރުން އެޅި މި ފިޔަވަޅަށް ވަނީ މަރުޙަބާ ކިޔާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތެރެކުރާ މުދަލުގެ ތެރެއިން ޓެރިފް ކަނޑާލާ ބާވަތްތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ހިމެނުމަށް ނިންމެވި ނިންމެވުމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް އެކްސްޕޯޓަރުންގެ ޖަމީއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިނގިރޭސިވިލާތުން މި ބަދަލު ގެނައީ، ގިނަ ބާވަތްތަކެއްގެ މުދާ އެތެރެކުރުމުގެ ޚަރަދު ކުޑަކޮށްދީ، ސަޕްލައި ޗެއިންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، މުދަލުގެ އަގުހެޔޮވުމާއި އެތެރެކުރާ މުދާ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީގެން ކޮންސިއުމަރުންނަށް ފައިދާ ހޯދައިދިނުމަކީވެސް މި ނިންމުމުގެ މަޤްޞަދެއް ކަމަށް އެ ޖަމީއްޔާއިން ފާހަގަކުރެއެވެ. މި ބަދަލުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ހިމެނުމަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފުރުޞަތެކެވެ.

އިނގިރޭސި ސަރުކާރުން ޓެރިފް މެދުކަނޑާލަން ނިންމާފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން، މިއީ ދިގުދެމިގެންދާ ދާއިމީ ނިންމުމެއްކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން މެދުނުކެނޑި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދުކުރާ ކަމަށް އެކްސްޕޯޓަރުންގެ ޖަމީއްޔާއިން ބުނެފައިވެއެވެ.

އެމް.އެސް.ޕީ.އީ.އޭ އިން އިތުރަށް ފާހަގަކުރި ގޮތުގައި، އިނގިރޭސި ބާޒާރަށް މަހުގެ އުފެއްދުންތައް ބޭރުކުރާ އެކްސްޕޯޓަރުންނަށް ހަމަޖެހޭ އަދި އިތުބާރު އޮތް ބާޒާރެއް ޤާއިމުކޮށް، މުސްތަޤުބަލު ބިނާކުރަން ފަސޭހަ މާހައުލެއް ހޯދުމަށްޓަކައި މި ލުޔަކީ ދާއިމީ ލުޔަކަށް ހެދުން މުހިންމެވެ.

މިއަދު އޮންލައިން