ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފި

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި ކަނޑައަޅައި، އެ ފަރާތްތަކުގެ މުސާރައަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލާއެކު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކުޑަވުމުގެ ސަބަބުން އޮތް ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މުސާރައަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަށް ގެނެވުނު ކުރިއެރުމެވެ. އެގޮތުން ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރަ އެލަވެންސާއެކު މަހަކު 33,000ރ. އަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ކުރިން ސިޓީތަކުގެ ރައީސުންނަށް ލިބެމުންދިޔައީ މަހަކު 7,000ރ. އެވެ. މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ މަހަކު 21,000ރ. އަށް ވަނީ ބޮޑުކޮށްފައެވެ. މީގެ ކުރިން އެ ފަރާތްތަކަށް ލިބެމުންދިޔައީ 6,000ރ. އެވެ.

ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެންބަރުންގެ މުސާރައަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. ސިޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7,000ރ. އަށް ބޮޑުކޮށްފައިވާއިރު، ރަށްރަށުގެ ނައިބު ރައީސުންގެ މުސާރަ ވަނީ 6,000ރ. އަށް ބޮޑުކޮށްފައެވެ. މެންބަރުންގެ މުސާރައަށް ބަލާއިރު، ސިޓީތަކުގެ މެންބަރުންނަށް މިހާރު 6,000ރ. ލިބޭނެއެވެ. އަދި ރަށްރަށުގެ ކޮމިޓީ މެންބަރުންގެ މުސާރަ 4,000ރ. އިން 5,000ރ. އަށް ވަނީ ބޮޑުކޮށްފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިޚާބުކުރާ މި ކޮމިޓީތަކަކީ 5 އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ ބައެކެވެ. މި ކޮމިޓީތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމުގެ އިތުރުން، މުޖުތަމައުގައި އަންހެނުންގެ ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.

މި ގެނެވުނު ބަދަލަކީ އަންހެނުންގެ ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެ ފަރާތްތަކުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުމަށް ސަރުކާރުން ނިންމެވި މުހިންމު ނިންމުމެކެވެ.

މިއަދު އޮންލައިން