ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 17 ބިލިޔަން ރުފިޔާ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ވަނީ ލިބިފައެވެ.

މާލީ ވުޒާރާއިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާގޮތުން، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 16.8 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 14.9 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިޔަން ރުފިޔާ ނުވަތަ 12.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ހިސާބުތަކުން އެނގޭގޮތުގައި، ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބޭ އާމްދަނީއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.9 ބިލިޔަން ރުފިޔާ ނުވަތަ 17.1 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ ބަޖެޓުގެ އަދަދުތައް މިވަގުތު ހުރީ އަރަނިކޮށެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެއްގެ ގޮތުގައި މާލީ މާހިރުން ފާހަގަކުރައްވައެވެ.

މިއަދު އޮންލައިން