ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ހާސިލުކުރައްވާފައިވާ ޢަލީ ޒުބައިރު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޢަލީ ޒުބައިރު އަވަހާރަވިއިރު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ޙިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ވިދާޅުވީ، އަލްމަރްޙޫމް ޢަލީ ޒުބައިރަކީ 43 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. ޚާއްޞަކޮށް މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި އޭނާ ގިނަ އަހަރުތަކެއް ހޭދަކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
ޢަލީ ޒުބައިރާއެކު މަސައްކަތްކުރެއްވި ދުވަސްތަކުގެ ހަނދާންތައް އައުކުރައްވަމުން ރައީސް ވިދާޅުވީ، "ޢަލީ ޒުބައިރުގެ ފަރާތްޕުޅުން ކޮންމެ ދުވަހަކުވެސް ފެނިވަޑައިގެންނެވީ މުރާލިކަމާއި އިޚުލާޞްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާ" ކަމަށެވެ. އަދި ގާތް އަޚެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރަކު ވަކިވެ ދިއުމުގެ ހިތާމަ އިޙްސާސްކުރާ މި ދަނޑިވަޅުގައި، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ.
މީގެއިތުރުން، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަލީ ޒުބައިރު ލަހައްޓަވައި، އެކަލޭގެފާނަށް ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވާފައެވެ.