އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަ ނޭޝަނަލް ޕޭ ކޮމިޝަނުން މުރާޖަޢާކޮށް، ބޮޑު ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލާއެކު ކޮމިޓީތަކުގެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި މިވަނީ ކަނޑައަޅާފައެވެ.
ޕޭ ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ މިހާރު ވަނީ 20,000 ރުފިޔާ އަށް ބޮޑުކޮށްފައެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ 15,000 ރުފިޔާ އަށް ވަނީ ބޮޑުކުރަން ނިންމާފައެވެ. މިއީ މީގެ ކުރިން އެ ފަރާތްތަކުގެ މުސާރަ ކުޑަވުމުގެ ސަބަބުން އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.
ކޮމިޓީތަކުގެ ރައީސުންގެ އިތުރުން ނައިބު ރައީސުންނާއި މެންބަރުންގެ މުސާރައަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސިޓީތަކުގެ ކޮމިޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7,000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ރަށްރަށުގެ ކޮމިޓީތަކުގެ ނައިބު ރައީސުންގެ މުސާރަ ވަނީ 6,000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މެންބަރުންގެ މުސާރައަށް ބަލާއިރު، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ 5,000 ރުފިޔާ އިން 6,000 ރުފިޔާ އަށް ވަނީ އިތުރުކޮށްފައެވެ. އަދި ރަށްރަށުގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ 4,000 ރުފިޔާ އިން 5,000 ރުފިޔާ އަށް ބޮޑުކޮށްފައިވާ ކަމަށް ޕޭ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކުރާ މި ކޮމިޓީތަކަކީ 5 އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ ބައެކެވެ. މި ކޮމިޓީތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރަށުގެ ތަރައްޤީއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމާއި، މުޖުތަމަޢުގައި އަންހެނުންގެ ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.