ސްރީލަންކާއަށް އެތެރެވުމުގެ ކުރިން "އީޓީއޭ" ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސްރީލަންކާއަށް އެތެރެވުމުގެ ކުރިން "އީޓީއޭ" ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

ސްރީލަންކާއަށް ޒިޔާރަތްކުރާ ދަތުރުވެރިން އެ ޤައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭ ގޮތަށް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން، މި ހިނގާ މޭ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ވެސް އެ ޤައުމަށް އެތެރެވުމުގެ ކުރިން މި ހުއްދަ ހޯދަންޖެހޭނެ ކަމަށް ސްރީލަންކާގެ އިމިގްރޭޝަނުން ވަނީ ކަނޑައަޅާފައެވެ.

ސްރީލަންކާއަށް ޒިޔާރަތްކުރާ ކޮންމެ ދަތުރުވެރިޔަކު، ދަތުރުކުރުމުގެ ކުރިން https://eta.gov.lk/slvisa ލިންކް މެދުވެރިކޮށް މި ފޯމް ފުރިހަމަކުރަން ޖެހެއެވެ. މިއީ އެ ޤައުމަށް އެތެރެވުމުގެ އުސޫލުތަކަށް ގެނައި ބަދަލެއް ކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ.

އީޓީއޭ ހޯދަން ޖެހުނު ނަމަވެސް، ސްރީލަންކާއިން ދިވެހިންނަށް ވިސާ ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، ކުރިންވެސް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ދިވެހިންނަށް ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި 90 ދުވަހުގެ މުއްދަތަށް ލިބޭނެއެވެ.

ސްރީލަންކާގެ އީޓީއޭ އުސޫލަށް ގެނައި މި ބަދަލާ ގުޅިގެން، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ. މިއީ ދިވެހިން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ޤައުމަކަށް ވާތީ، މިކަމުގައި ދިވެހިންނަށް ލުއި ގޮތްތަކެއް ހޯދުމަށް ސަރުކާރުން އިސްކަންދެއެވެ.

ވީމާ، ސްރީލަންކާއަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުން، އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން ސްރީލަންކާގެ "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (ETA)" ފޯމް ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

މިއަދު އޮންލައިން